ދަރިޔަކު މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ މައިމީހާގެ އުއްމީދަކަށް ވާނީ އެ ދަރިފުޅު ދުޅަހެޔޮ ސިއްހަތަކާއެކު ސަލާމަތުން އުފަންކުރުމެވެ. އެހެންކުދިންނެކޭ އެއްގޮތަށް ގާބިލު ސިއްހީގޮތުން ރަނގަޅު ދަރިއަކަށް ހެދުމަށް ކޮންމެ މަޔަކު އަދި ބަފަޔަކުވެސް އެދޭނެއެވެ. އެކަމަށް މަސައްކަތް ކުރާނެއެވެ. އެހެން ނަމަވެސް ދިމާވާ ސިއްހީ މައްސަލައަކުން ދުވަސް ނުފުރާ ވިހެއުމަކީ އެކަށިގެންވާ ކަމެކެވެ.
ދުވަސް ނުފުރާ އުފަންވާ ކުދިންނާއި އެކުދިންގެ އާއިލާތައް ކުރިމަތިލާންޖެހިފައިވާ އާދަޔާ ހިލާފު ދިރިއުޅުމުގެ ކަންކަމަށް ދުނިޔެ ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަ ވޯލްޑް ޕްރީމެޗުރިޓީ ދުވަހާ ގުޅިގެން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މައިމީހާގެ ބަނޑަށް 22 ހަފުތާއާއި 27 ހަފުތާއާއި ދެމެދު އުފަންވާ ކުދީންގެ ތެރެއިން ބަރުދަނުގައި 500ގ. ހުރެއްޖެ ނަމަ އެ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ. ވޯލްޑް ޕްރީމެޗުރިޓީޑޭ އަކީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހެވެ.
ފައިސަލް ވިދާޅުވީ އަހަރެއްގެ މައްޗަށް އެވްރެޖްކޮށް ދުވަސް ނުފުރާ 80 ކުދިން އައިޖީއެމްއެޗްގައި ވިހާ ކަމަށާއި އެއީ އާބާދިގެ 12 ޕަސެންޓު ކަމަށެވެ. ދުވަސްނުފުރާ ވިހަން ދިމާވާ ބައިވަރު ސަބަބުތައް ހުންނަ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މާބަނޑުއިރު ހަކުރު މައްޗަށް ދިއުމާއި، ލޭ މައްޗަށް ދިއުމާއި، ބަރުދަން އިތުރުވުމާއި އަދި ސާވިކްސް ގެ މައްސަލަތައް ހުރުމަކީވެސް ދުވަސް ނުފުރާ ވިހެއުމަށް މެދުވެރިވާ ސަބަބުތައް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެއްމާބަނޑު ދެ ކުދީން ނުވަތަ އެއަށްވުރެ އިތުރުވުމާއި ޕްލެސެންޓާގެ މައްސަލަތަކެއް ހުރެއްޖެނަމަ އެއީވެސް މިކަމަށް މެދުވެރިވާ ސަބަބުތައް ކަމަށާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށްވެސް މިކަން ކުރިމަތިވާ ކަމަށެވެ.
ޑރ. ފައިސަލް ވިދާޅުވީ ބަނޑަށް 24 ހަފުތާގައި ވިހާ ކުދިން ނުކުޅެދުންތެރިކަމާއެކު ނުވަތަ ނުކުޅެދުންތެރިކަމެއް ނެތި ފުރާނަ ސަލާމަތްކުރުމުގެ 50 ޕަސެންޓް ފުރުސަތު އޮންނަ ކަމަށެވެ. އަދި 28 ހަފުތާއިން ފެށިގެން ވިހާކުދިންގެ މި ޕަސެންޓޭޖު މަތިވަމުން ދެއެވެ.
"ހަގީގަތުގަ މިކަމަށް ބޭނުންވަނީ މައިމީހާގެ ސިއްހަތު. މާބަނޑުވެގެން އެދާ ފުރަތަމަ ތިންމަސް ދުވަހަކީ ވަރަށް ބޮޑަށް ސިއްހަތަށް ބަލައިގެން އުޅެން ޖެހޭ ދުވަސްތަކެއް. އޭގެ ފަހުންވެސް ސިއްހަތު ރަނގަޅު ކާނާ ކެއުމާއި ކަސްރަތު ކުރުމާ މިކަންކަމަށް ސަމާލުކަން ދިނުން. އެއްވެސް މަޔަކު މިފަދަ ކަމަކަށް ތައްޔާރެއް ނުވާނެ." އޭނާ ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ ދުވާލެއްގެ މައްޗަށް، ދުވަސް ނުފުރާ ދެ ކުދީންވެސް އައިޖީއެމްއެޗަށް އުފަންވާ ކަމަށާއި ބައެއް ފަހަރު އެއަށްވުރެ ގިނަވެސް ވާ ކަމަށެވެ. ހާއްސަކޮށް ކޮވިޑުޖެހޭ މައިންނަށް ދުވަސް ނުފުރާ ވިހެއުމުގެ ވޭން ތަހައްމަލުކުރަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިހާތަނަށް އައިޖީއެމްއެޗްގައި ދުވަސްނުފުރާ ވިހޭ ކުދިންގެ ތެރެއިން ފުރާނަ ސަލާމަތްކުރެވުނު އެންމެ ކުޑަކުއްޖަކީ 23 ހަފުތާގައި ވިހޭ ކުއްޖެކެވެ. ޑރ. ފައިސަލް ވިދާޅުވީ އެ ކުއްޖާ ފުރާނަ ސަލާމަތްކޮށް ގެއަށް ދޫކޮށްލީ ހަތަރު މަސްދުވަސް އެންއައިސީޔޫގައި ފަރުވާދިނުމަށްފަހުގައި ކަމަށެވެ. މިހާރުވެސް އައިޖީއެމްއެޗުގައި ދުވަސް ނުފުރައި ވިހޭ 10 ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ފައިސަލް ފާހަގަކުރެއްވިގޮތުގައި އެންމެ މުހިންމު ކަމަކީ ދުވަސްނުފުރާ ވިހައިފާނެކަމަށް ކިރިޔާވެސް ލަފާކުރެވޭނަމަ ނިއޯނޭޓަލް އިންޓެންސިވް ފަރުވާ ދެވޭނެ ތަނެއްގައި ހުރުމެވެ. އެގޮތުން ހުޅުމާލޭގައިވެސް އާބާދީ އިތުރުވަމުން އަންނައިރު މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ދުވަސް ނުފުރާ ވިހާ ކުދީންނަށް އަވަހަށް ފަރުވާ ދެވޭނެ މިފަދަ ނިޒާމެއް ގާއިމުކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ފައިސަލް ވިދާޅުވީ ދުވަސްނުފުރާ ވިހާ ކުދީންނަށް އެންމެ ބޮޑަށް ބޭނުންވާ ވިހާ ކެފެއިން އާއި ހިއުމަން މިލްކް ފޯޓިފައާ މިހާރުން މިހާރަށްވެސް ބޭނުންވާ ކަމަށެވެ. މިކުދީންނަށް ގާތުން ދިނުމަށްޓަކައި ކޮންމެ ތިންގަޑިއިރަކުން ކަހަލަ ގޮތަކަށް ކިރު ދިނުމަށް ނުވަތަ ކިރު ހިފައިގެން ހޮސްޕިޓަލަށް އަންނަން ޖެހޭއިރު ފެމިލީ ސެންޓާޑް ކެއާއެއްގޮތަށް ފަރުވާދިނުމުގެ ކަންކަން އިންތިޒާމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އައިޖީއެމްއެޗުގައި ނުވަތަ އެ ހޮސްޕިޓަލާ ކައިރީ ތަނެއްގައި މިފަދަ ތަނެއް ގާއިމު ކުރުމަކީ މުހިންމު ކަމެއް ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާނަމަ އަހަރެއްގެ މައްޗަށް ދުވަސް ނުފުރާ 15 މިލިއަން ކުދިން އުފަންވެއެވެ. މިއީ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖެކެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު 2021 ވަނަ އަހަރު 633 ކުދިންނަށް އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ފަރުވާދިން އިރު އޭގެ ތެރެއިން 26 ޕަސެންޓަކީ ދުވަސް ނުފުރާ ވިހޭ ކުދީންނެވެ. މީގެ ތެރެއިންވެސް ފުރާނަ ސަލާމަތްކުރެވުނީ 86 ޕަސެންޓު ކުދިންގެއެވެ.
ދުވަސް ނުފުރާ ވިހެއުމަކީ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އެ ކުދިންގެ ފުރާނަ ސަލާމަތްވެ ގެއަށް ގެންދެވޭނެ ދުވަހަކަށް ކެތްތެރިކަމެއްނެތި މައިންބަފައިން އިންތިޒާރުކުރެއެވެ. އެހެން ކަމުން މިކަމަށް ދުރާލައި ތައްޔާރުވުމަކީ މުހިންމު ކަމެކެވެ. ކަމުގެ މުހިންމު މައުލޫމާތު ހޯދައި ދެނެގަތުން ވަކީން މުހިންމެވެ.