ކަންބޮޑުވާ މިންވަރަށް ޑެންގޫ އިތުރުވެ ބަލީގައި ކައިރި ކައިރީގައި ދެ ޒުވާނަކާއި ދެ ކުޑަކުއްޖަކު ވަނީ މަރުވެފައެވެ. ޑެންގޫގައި މިހާރުވެސް ހަ ކުއްޖަކު އެޑްމިޓުކޮށް އައިޖީއެމްއެޗުގައި ފަރިވާދެމުން އަންނައިރު އަތޮޅުތެރޭގައިވެސް މި ބަލިޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މި އަހަރުގެ މިހާތަނަށް، ޑެންގޫ ޖެހިގެން ފަސް މީހަކު މަރުވެފައިވާއިރު މި މަހު އެކަނިވެސް ހަތަރު މީހަކު ވަނީ މަރުވެފައެވެ. އެގޮތުން މި މަހުގެ ތިން ވަނަ ދުވަހު ޑެންގޫގައި އުމުރުން އަށް އަހަރުގެ ކުޑަކުއްޖަކު މަރުވެފައިވާއިރު، މި މަހުގެ ހަތަރު ވަނަ ދުވަހު އުމުރުން 19 އަހަރުގެ ޒުވާނަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މި މަހުގެ 12 ވަނަ ދުވަހު ޑެންގޫ ޖެހިގެން ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 21 އަހަރުގެ ޒުވާނަކު މަރުވެފައިވާއިރު، ހަމަ އެދުވަހު އުމުރުން ނުވަ އަހަރުގެ ކުޑަ ކުއްޖަކުވެސް ވަނީ މި ބަލީގައި މަރުވެފައެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ޑެންގޫ ޖެހޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ. ވިއްސާރަ މޫސުމާ ދިމާކޮށް ޑެންގޫ އިތުރުވަމުންދަނީ، މި ބަލި ޖައްސާ "އީޑީޒް މަދިރި" ފެން ހަރުލާފައި ހުންނަ ތަން ތަނުގައި ބިސްއަޅައި އާލާވުމުންނެވެ. އެހެންކަމުން، ޑެންގޫ ފެތުރުން ހުއްޓުވުމަށް މަދިރި ބިސްއަޅައި އާލާވާ ތަންތަން ނައްތާލަން ޖެހެ އެވެ.

މަޝްހޫރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް "ވަން" އަށް ވިދާޅުވީ ވިދާޅުވީ ހަ ކުއްޖަކަށް ޑެންގޫ ޖެހިގެން އައިޖީއެމްއެޗުގައި މިހާރުވެސް އެޑްމިޓުކޮށް ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް މީގެން އެއްވެސް ކުއްޖެއްގެ ހާލު މިވަގުތު އަދި ސީރިއަސް ނޫންކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ޑރ. ފައިސަލް ދާދި ފަހުން އާންމު ކުރެއްވި ތަފާސް ހިސާބަށް ބަލާއިރު ކުޑަކުއްޖަކަށް ކޮވިޑު ބަލިޖެހި ފިޓުޖެހިގެންދަނީ ފަރިވާދެމުންނެވެ. އެކުއްޖާގެ މަންމަވެސް ކޮވިޑަށް ޕޮޒިޓިވް ވެ، އަންނަނީ ފަރުވާދެމުންނެވެ. އެއް ކުއްޖަކަށް ބޭރަށް ހިންގާތީ ފަރުވާ ދެމުން އަންނައިރު، އެންއައިސީޔޫގައި ތިބި ކުދިންގެ ތެރެއިން ފަސް ކުއްޖަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. މީގެ ތެރޭގައި ގިނައީ ދުވަސްނުފުރާ ވިހާފައި ތިބި ކުދިން ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން، އިތުރު އެހެން ބައްޔެއްގައިވެސް ކުޑަކުއްޖަކަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ.

ކުޑަ ކުދިން އެޑްމިޓު ކުރާ ރޭޓު އިތުރުވަމުންދާ ކަން ޑރ. ފައިސަލް ފާހަގަކުރައްވާފައިވާއިރު އެންމެ ގިނައިން މިދުވަސްވަރު އެޑްމިޓު ކުރަމުންދަނީ ޑެންގޫ ޖެހިގެންނެވެ. ޑެންގޫ ޖެހޭ މިންވަރު އިތުރު ވަމުންދާއިރު ފާއިތުވި ދެ މަސް ދުވަހު އެކަނިވެސް ޑެންގޫ ހުން ޖެހިގެން 497 ކޭސް އެއް ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ޑރ. ފައިސަލް މީގެ ކުރިން "ވަން" އަށް ވިދާޅުވީ ޑެންގޫގައި އާންމުކޮށް ހުން އަންނާނީ ތިން ދުވަސް ނުވަތަ ހަތަރު ދުވަސް ވަންދެން ކަމަށެވެ. ބަލީގެ ނުރައްކާ އިތުރުވަނީ ހުންމަޑުވާ ދުވަސްކޮޅު ކަމަށާއި މި ދުވަސްކޮޅު ގައިގެ ވަރުދެރަވެ ބްލަޑް ޕްރެޝަރު ދަށްވެ މީހާ ޝޮކަށް ދާ ކަމަށެވެ. އެހެން ކަމުން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ހުންމަޑުވާ ދުވަސްކޮޅަށް ކަމަށާއި މި ބަލީގެ އެންމެ ރަނގަޅު ފަރުވާއަކީ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ޑެންގޫ އިން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ނުވަތަ މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މަދިރި އެންމެ ގިނަވާ ވަގުތުތައް ކަމުގައިވާ ފަތިސް ގަޑިއާއި ހަވީރުގެ ވަގުތުތަކުގައި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.