ރާއްޖެއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި އިސްތިހާރުކުރުމުގެ ގޮތުން އެގައުމުގެ "ޓްރެވަލް ވީކްލީ" މަޖައްލާއާއެކު ހާއްސަ ކެމްޕެއިނެއް ފަށައިފި އެވެ.
ޓްރެވަލް ވީކްލީއަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެ ސިނާއަތުގެ އިސް ފަރާތްތަކުގެ މެދުގައި މަގުބޫލު ޓްރެވަލް މަޖައްލާއެކެވެ. މި މަޖައްލާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިކަމުގެ ސިނާއަތާ ބެހޭގޮތުން ކުރިޔަށް ގެންދާ ދިރާސާތަކާއި ފަތުރުވެރިކަމާ ގުޅޭގޮތުން ލިޔުންތައް ޝާއިއުކުރެ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ، ޓްރެވަލް ވީކްލީއާއެކު ރާއްޖެއިން ފެށި ކެމްޕެއިން މިމަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޓްރެވަލް ވީކްލީގެ ވެބްސައިޓުގައި ހިމެނޭ މައިކްރޮސައިޓަކުންނާއި އެމްޕީޔޫ ތަކުންނާއި އޮންލައިން މެގަޒިންތަކުގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިސްތިހާރު ކުރަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އޭގެ އިތުރުން އީމެއިލްގެ ޒަރިއްޔާއިން އިނގިރޭސި ވިލާތުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި ހަބަރުތައް ވެސް ހިއްސާކުރަމުން ގެންދާނެ އެވެ.
އެމްއެމްޕީއާރުސީން ބުނީ، ޓްރެވަލް ވީކްލީއާއެކު ފެށި އެ ކެމްޕޭނުގެ މަގްސަދަކީ ކޮވިޑަށްފަހު އެގައުމުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ އެކަށީގެންވާ އަދި އެންމެ ރައްކާތެރި ލޯންގް ހޯލް މަންޒިލްގެ ގޮތުގައި ރާއްޖެ އިސްތިހާރު ކުރުން ކަމަށެވެ. އެގޮތުން ރާއްޖެ ގުދުރަތީ ގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި އުފެދިފައިވުމަކީ ރާއްޖެ ކުރިއަށް އޮތް ތަނުގައި ރައްކާތެރި މަންޒިލެއްކަން އެ ކެމްޕޭނުގައި ޝާއިއުކުރާ ލިޔުންތަކާއި ފޮޓޯތަކުގެ ޒަރިއްޔާއިން އިސްތިހާރު ކުރެވިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމެވެ. އެގޮތުން މިދިޔަ އަހަރު އެގައުމުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 126،199 އެވެ. މިއަހަރު ފެށިގެން ލޮކްޑައުންއާ ހަމައަށް 7288 ފަތުރުވެރިން ވަނީ އެގައުމުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު