ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ހިލާފުވެގެން މިމަހު ޖުމުލަ 77 މީހަކު ޖޫރިމަނާކުރެވުނު ކަމަށް ފުލުހުން ބުނެފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ޝަރީފް ވިދާޅުވީ، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައިއިރު މަނާގަޑީގައި ވިޔަފާރިކޮށްގެން 101 ފަރާތަކާ ސުވާލުކުރެވި ނަސޭހަތް ދެވި އޭގެ ތެރެއިން 23 ފަރާތެއް ޖޫރިމަނާކުރެވިފައިވާ ކަމަށެވެ. އަދި ކެފޭ، ހޮޓާ އަދި ރެސްޓޯރެންޓްތައް މަނާ ގަޑީގައި ހުޅުވައިގެން 14 ތަނެއް ޖޫރިމަނާ ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"ޖުލައި މަހުގެ 1 އިން ފެށިގެން މިއަދާ ހަމައަށް އައިއިރުގައި މަނާ ގަޑީގައި ވިޔަފާރި ކޮށްގެން 101 ފަރާތަކާ ސުވާލުކުރެވި ނަސޭހަތް ދެވި އޭގެ ތެރެއިން 23 ފަރާތެއް އަޅުގަނޑުމެން ވަނީ ޖޫރިމަނާ ކުރެވިފައި. ކެފޭ ހޮޓާ ރެސްޓޯރެންޓް އޭގެ ތެރެއިން 110 ފަރާތަކާ ސުވާލު ކުރެވި އޭގެ ތެރެއިން 14 ފަރާތެއް ވަނީ ޖޫރިމަނާ ކުރެވިފައި. އަދި ހަމައެހެންމެ މަނާ ގަޑީގައި މަގުމަތީގައި އުޅެގެން 2075 މީހުންނަށް ނަސޭހަތް ދެވި 40 ފަރާތެއް ވަނީ ޖޫރިމަނާ ކުރެވިފައި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ލޮކްޑައުންއާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކަށް ރައްޔިތުން އަމަލުކުރޭތޯ ފުލުހުން ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މަނާ ގަޑީގައި އުޅޭ މީހުން ޖޫރިމަނާ ކުރުމުގެ ބަދަލުގައި ފުލުހުން ބޮޑަށް މަސައްކަތްކުރަނީ ނަސޭހަތް ދީގެން ކަންކަން ރަނގަޅު ކުރުވަން ކަމަށް އޭނާ ވިދާޅުވިއެވެ.