ނ. ކުޑަފަރީން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހާ ޑަބަލް ނެގަޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިތުރު ފަރުވާއަށް ނ. ކުޑަފަރީން މާލެއަށް ގެނައި 92 އަހަރުގެ މީހެއް ބައްޔަށް ޕޮޒިޓިވްވެގެން އެކަމުގެ ކޮންމެވެސް ވަރެއްގެ ކަންބޮޑުތަކެއް ހުރި ކަމަށެވެ.
އެހެންކަމުން އޭނާގެ ދެވަނަ ޓެސްޓެއް ހެދުމުން ޑަބަލް ނެގެޓިވް ނަތީޖާ ލިބިފައިވާ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
"92 އަހަރުގެ ފަރާތެއް ނ. ކުޑަފަރީން މާލެއަށް ފަރުވާއަކަށް ގެނައި ފަރާތެއް ޕޮޒިޓިވްވެގެން އެކަން ފާހަގަވެފައި. މިހާރު އޭނަގެ ޓެސްޓު ދެވަނަ ފަހަރަށް ކުރެވި ޑަބަލް ނެގެޓިވް ރެޒަލްޓް މިހާރު އައިސްފައި ވަނީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެމީހާ ބައްޔަށް ނެގެޓިވްވުމުން އޭނާގެ ހުރި އެހެން ސިއްހީ މައްސަލަތަކަށް ފަރުވާކުރުމަށް ވަރަށް އަަވަހަށް އައިޖީއެމްއެޗަށް ބަދަލު ކުރެވޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެމީހާގެ ދެވަނަ ސާމްޕަލް ނެގުނީ ޕޮޒިޓިވްވިކަން އެނގުނުތާ ހައެއްކަ ދުވަސް ފަހުން ކަމަށާއި، އެހެންކަމުން ފަހަރުގައި އޭނާގެ ފުރަތަމަ ޓެސްޓުގެ ނަތީޖާއަކީ ފޯލްސް ޕޮޒިޓިވްއަކަށް ނުވަތަ އޭނާއަކީ ބަލި ޖެހުމަށްފަހު ރަނގަޅުވެފައިވާ މީހަކަށްވުންވެސް އެކަށީގެންވާ ކަމަށެވެ. އަދި އެމީހާގެ ކޮންޓެކްޓުންނާ މެދު އަމަލު ކުރަނީ ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓުންނާ މެދު އަމަލު ކުރަމުން އަންނަ ގޮތަށް ކަމަށާއި ކޮންޓެކްޓް ޓްރޭސީންގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.