ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ހުންނެވީ އައިސޮލޭޝަންގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ކައުންސެލް ޖެނެރަލް އައިސޮލޭޝަންގައި ހުންނެވީ، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ އައިސޮލޭޝަންގައި ހުންނަވަން ޖެހުމުން ކަމަށެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރު އައިސޮލޭޝަންގައި ހުންނަވަން ޖެހިވަޑައިގެންނެވީ، އެ ކޮމިޓީގެ އިދާރާގެ ސެކްރެޓަރީއަށް ކޮވިޑް ޖެހިފައިވާއިރު، އޭނާގެ ޕްރައިމަރީ ކޮންޓެކްޓެއްގެ ގޮތުގައި މުގައްރިރު ހިމެނިވަޑައިގަންނަވާތީ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެގޮތަށް އެ ކޮމެޓީގެ މުގައްރިރު ހުންނެވީ އައިސޮލޭޝަންގައި ބަންދުގައި ކަމަށާއި، އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވޭތޯ ޓެސްޓް ކުރަމުން އަންނަ ކަމަށްވެސް މަޖިލިސް ރައީސް ވދާޅުވިއެވެ.

އިޖުތިމާއީ ކޮމިޓީ އިދާރާގެ ސެކްރެޓަރީއަށް ކޮވިޑް ޖެހިފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.