މާލެއިން ރަށަށް ގޮސް ބ ހިތާދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 ޕޮޒިޓިވް ވެއްޖެ އެވެ.

ހިތާދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހަސަން "ވަން" އަށް ވިދާޅުވީ، އުމުރުން 25 ވަރަކަށް އަހަރުގެ އެ ފިރިހެން މީހާއަކީ މިމަހުގެ ހަ ވަނަ ދުވަހު މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނުން ދޫކޮށްލުމަށް ބ. އޭދަފުށީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެގި ސާމްޕަލްގެ ނަތީޖާ މިއަދު ލިބުމުން ކަމަށް ވިދާޅުވި އެވެ.

ހަސަން ވިދާޅުވިގޮތުގައި، އޭނާއާއެކު ހޯމް ކަރަންޓީނަށް ފަސް މީހަކު އެރަށަށް ދިޔަ އެވެ. އަދި އެ އެންމެން ވެސް ތިބީ ޕޮޒިޓިވް ވި މީހާއާއެކު އެއް ގެއެއްގަ އެވެ. ނަމަވެސް އެމީހުންގެ ގައިން ނެގި ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް 3044 މީހަކަށް ކޮވިޑް ޖެހިފައިވާއިރު، އެބަލިން މިހާތަނަށް ފަސޭހަ ވެފައިވަނީ 2397 މީހެކެވެ. އަދި އެ ބައްޔަށް މިހާރު ވެސް 617 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ.