ލ. ގަމާއި ގއ. ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ގަމާއި ވިލިނގިލީގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި 20 އައިސީޔޫ އެނދާއި 37 އައިސޮލޭޝަން އެނދު ހުންނާނެއެވެ. މި ދެ ފެސިލިޓީވެސް ތަރައްގީކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.
ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ޕްލޭނިން އެންޑް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދެވީ ބަލި ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އަދި ވަރަށް ގިނަ ފިޔަވަޅުތަކެއްވެސް އެޅުއްވި ކަމަށާއި އޭގެ ތެރޭގައި ބޯޑަރު ބަންދުކުރުން ހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މިކަމާ ގުޅިގެން ވަރަށް ދަތި އަދި އަގުބޮޑު ނިންމުންތަކެއް ރައީސް ނިންމަވާފައިވާ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ގޮތުން ގުޅުންހުރި ކަންކަމާއި ދައުލަތުން ބޮޑެތި ހަރަދުތައް ކުރަންޖެހޭ އެތައް ކަމެއް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ އެ ނިންމުމުގެ ސަބަބުން މިއަދު ގައުމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ.
"އަޅުގަނޑުމެން މި ބައްޔާ ހަނގުރާމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ވަރަށް ބޮޑުބައެއް އަޅުގަނޑުމެންނަށް މިވަނީ ގާއިމުކުރެވިފައި. އަދި މިކަން ކުރުމުގައި ރައްޔިތުންނަށް ލުއި ފަސޭހަ ވާނެ ގޮތަށް ލާމަރުކަޒީ އުސޫލުން އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ބައްޔަށް ކުރިމަތިލާން ޖެހިއްޖެނަމަ ފަރުވާ ލިބޭނެ އިސްތިޒާމުތައް ހަމަޖެހިގެންދާތަން މިރޭވެސް ފެނިގެން މިދަނީ،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ކުރާ ހުރިހާ ކަމަކީ ލޮލަށް ފެންނަން ހުންނަ ކަންކަމެއް ނޫން ކަމަށާއި އެކަންކަން ކުރަނީ ދާން ބޭނުންވާ ރާސްތާއަށް ދިއުމަށްޓަކައި ފުރިހަމަ ވަށާޖެހޭ ގޮތަކަށް ބައްޓަން ކުރުމަށްޓަކައި ކަމަށެވެ.
ރައީސް ސޯލިހުގެ އެންމެ ބޮޑު ވައުދަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޒަމާނީ ފެންވަރުގެ ސިއްހީ ނިޒާމެއް އަތްފޯރާ ހިސާބަށް ގެންދިއުން ކަމަށާއި އޭގެ އެތައް މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިގޮތަށް ރާއްޖޭގެ ފަސް ދާއިރާއެއްގައި ސިއްހީ ނިޒާމު ވަރުގަދަކޮށް މާލެއަށް ބަރޯސާވުން ކުޑަކުރުން އަވަސް ވެގެންދިޔަކަން ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު