ރާއްޖެއިން މިހާރު ފެންނަމުން މިދާ މަންޒަރުތަކަކީ، އިސްތިއުމާރީ ބާރަކުނުް ރާއްޖެ ހިފާފައިވާ ފަދަ ގޮތަކަށް، ފެންނަ މަންޒަރުތައް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ޝަމާލް މިހެން ވިދާޅުވީ، ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ ތަފާތު ހަމަނުޖެހުންތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގައި ހިންގާ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

މިއީ ކަނޑިޔާއި ބަޑި ހިފައިގެން ގައުމުތަކަށް އަރައި އިސްތިއުމާރުކުރުމުގެ ޒާމާނެއް ނޫން ކަމަށާއި އޭގެ ބަދަލުގައި ވަރަށް ރޭވިގެން ގައުމުތަކުގެ މިނިވަންކަން ނަގައިލަން މަސައްކަތް ކުރާ ޒަމާނެއްކަން ފާހަގަކުރައްވަމުން ޝަމާލް ވިދާޅުވީ މިއަދު ރާއްޖެއިން ފެނިގެންދަނީ އެފަދަ ނުރައްކާތެރި މަންޒަރުތަކެއް ކަމަށެވެ.

ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ އަދަދު ރާއްޖޭގެ ޒުވާން އާބާދީއަށްވުރެ މަތިވެ، ދެލައްކަ ފަންސާހާހަށްވުރެ ގިނަ މީހުން އުޅޭ ކަމީ ނުރައްކާތެރި ކަމެއް ކަމަށްވެސް ޝަމާލް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ، ދެލައްކަ ފަންސާސްހާސް ބިދޭސީން މިހާރުވެސް ރާއްޖޭގައި އެބައުޅޭ ކަމަށާއި، އޭގެ ތެރެއިން 66،000 މީހުންނަކީ ގަވާއިދާއި ހިލާފަށް އުޅޭމީހުން ކަމަށެވެ.

އެމީހުން ރާއްޖޭގެ މީހުންނާއި ކައިވެނިކޮށް، ކުށްތަކުގައިވެސް ޝާމިލް ވެ މުޒާހަރާކޮށް، ފުލުހުންނާއި ކުރިމަތިލާތަން ފެންނަމުން ދިއުމީ ގައުމީ ސަލާމަށް އޮތް ބޮޑު ނުރައްކެލެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގައިވެސް ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވާހަކަ ދެކެވި މިކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައިވާ ކަމަށް ވިދާޅުވިއެވެ.