ޒިންމާދާރު އަދި ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ "ނޭޝަނަލް ސާވިސް ސްކިލްސް ޓްރެއިނިން ޕްރޮގްރާމް" ނުވަތަ ވަތަނީ ހިދުމަތުގެ އިނީޝިއަލް ތަމްރީނު ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި 300 އަށްވުރެ ގިނަ ބައިވެރިން ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރުގައި މިދިޔަ މެއި މަހުގެ 17 އިން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ތަމްރީނުތައް ނިންމާލައި، މިއަދު ހެނދުނު ބޭއްވި ދަސްވެނިވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރު ހަސަން ރަޝީދެވެ. މި ރަސްމިއްޔާތުގައި އެ ދަރިވަރުންގެ ބެލެނިވެރިންނާއި އާއިލާ މެންބަރުން ވެސް ބައިވެރިވިއެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި ރާއްޖޭގެ 112 ރަށަކުން 352 ދަރިވަރުން ބައިވެރިވި އިރު، އޭގެ ތެރެއިން 341 ދަރިވަރަކު ވަނީ މިއަދު ދަސްވެނިވެފައެވެ. އެއީ 279 ފިރިހެން ދަރިވަރުންނާއި 62 އަންހެން ދަރިވަރުންނެވެ.

މި ތަމްރީނުތަކުގެ ތެރެއިން ދަރިވަރުންނަށް ވަނީ ތަފާތު އެކި ދާއިރާތަކުން ތަމްރީނުތައް ދީފައެވެ. މި ތަމްރީނުތައް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ލެވެލް 3 ގެ ސެޓްފިކެޓެއް ދޫކުރާނެއެވެ.

ވަތަނީ ހިދުމަތުގެ އިނީޝިއަލް ތަމްރީނުގެ ތެރެއިން މިހާތަނަށް ޖުމުލަ 1029 ދަރިވަރުން ވަނީ ދަސްނިވެފައެވެ. ފުރަތަމަ ބެޗުގައި އަދި ދެވަނަ ބެޗުގައި ވެސް 344 ދަރިވަރަކު ދަސްވެނިވިއެވެ. އަދި ފުރަތަަމަ ފުރަތަމަ ބެޗުގެ ދަރިވަރުންގެ ތެރެއިން 137 ދަރިވަރަކު ވަނީ ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ވެސް ފުރިހަމަކޮށްފައެވެ.