ވިލިމާލޭ ކުޑަކުދިންގެ ހިޔާ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ކުއްޖާގެ ނަތީޖާ ނެގެޓިވް ވެއްޖެ އެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކުޑަކުދީންގެ ހިޔާގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖެކެވެ. ނުހިނގޭ، އަދި ވާހަކަވެސް ނުދެއްކޭ އެކުއްޖާ ޕޮޒިޓިވްވިކަން އެނގިފައިވަނީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ވަން އަށް އިތުރަށް އެނގިފައިވާ ގޮތުގައި، ޕޮޒިޓިވް ވި ކުއްޖާއަކީ ކުޑަކުދީންގެ ހިޔާގައި ކަރަންޓީނުގައި ހުރި ކުއްޖެކެވެ. މީގެ ކުރިން ކުރި ދެ ޓެސްޓުން އެކުއްޖާ ކޮވިޑް 19އަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށާއި ޕޮޒިޓިވްކަން އެނގިފައި ވަނީ ތިން ވަނަ ފަހަރަށް ނެގި ސާމްޕަލުން ކަމަށް ވަން އަށް މައުލޫމާތު ދިން މަސްދަރުން ބުނެ އެވެ.
ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން "ވަން" އަށް ވިދާޅުވީ، އެކުއްޖާގެ ނަތީޖާ ޕޮޒިޓިވް ކަމަށް ދެއްކި ނަމަވެސް ޝައްކުކުރެވޭ ކަންތައްތަކެއް ހުރެގެން އިއްޔެ ހެނދުނު އިތުރު ސާމްޕަލެއް ނެގި ކަމަށެވެ. އެ ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ.
ދެ ފަހަރު ދެ ގޮތަށް އައުމުން ނަތީޖާ ކަށަވަރު ކުރުމަށް އެކުއްޖާގެ ގައިން އިތުރު ސާމްޕަލެއް ނެގި ކަމަށާއި އެ ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވް ވެފައިވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ތަސްލީމާ ވިދާޅުވި އެވެ.
ކުޑަކުދިންގެ ހިޔާ އިން ޕޮޒިޓިވްވި ކުއްޖާ ކަރަންޓީނު ކުރީ، ފަރުވާއަށް އިންޑިއާއަށް ގޮސްފައި އައުމާ ގުޅިގެންނެވެ. އިންޑިއާށް ގޮސް އެކުއްޖާ އެނބުރި ހިޔާއަށް ދިޔައީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އެވެ.
އެ ކުއްޖާ ގޮވައިގެން އިންޑިއާއަށް ދިޔަ ހަތަރު މުވައްޒަފަކާއި ކުޑަކުދީންގެ ހިޔާގެ މެޑިކަލް މުވައްޒަފެއްގެ އިތުރުން، އިތުރު ދެ މުވައްޒަފަކުވެސް މިކަމާ ގުޅިގެން މި ވަގުތު ކަރަންޓީނު ކޮށްފައިވާ ކަމަށް "ވަން" އަށް ވަނީ އެނގިފަ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު