ބ. ދަރަވަންދޫގައި އިމަޖެންސީ މެޑިކަލް ސެންޓަރެއް ގާއިމުކުރުމަށް އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފިއެވެ.
މި ޕްރޮޖެކްޓުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. އަދި އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްލަތީފެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަކީ އިންޑިއާ ސަރުކާރުގެ އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
ޖުމްލަ 8.45 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓް އެލްއެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 7.47 މިލިއަން ރުފިޔާ އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 980،000 ރުފިޔާ ހަރަދު ކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވުމުގައި އެންމެ ގާތް އެކުވެރިޔާ ކަމަށާއި ހާއްސަކޮށް މިފަދަ ދަތި ދަނޑިވަޅުތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ފޮރިން ސެކެރެޓަރީ އަބުދުލްގަފޫރު މޫސާ ވިދާޅުވީ ދަރަވަންދޫގައި މިފަދަ އެމެޖެންސީ ސެންޓަރެއް ގާއިމުކުރެވިގެން ދިއުމުން އެ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެމަޖެންސީ ހެލްތު ފޯރުކޮށްދިނުމަށް އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ރައްޔިތުންނަށް ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމުކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ފަރުވާ ލިބިދިނުން ކަމަށްވެސް ގަފޫރު ވިދާޅުވިއެވެ.
ހެލްތު މިނިސްޓްރީން ބުނީ އިމަޖެންސީގައި ފަރުވާ ދޭން ޖެހޭ ފަރާތްތަކަށް މިހާރު ދިމާވާ ދަތި މި އިމާރާތް ހެދުމުން ހައްލުވެ ހިދުމަތް ދިނުމުގައި ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން ދަރަވަންދޫ ސިއްހީ މަރުކަޒުގައި ފުލް ފްލެޖް އިމަޖެންސީ ސެންޓަރަކާއި ޓްރެއިނިން ދެވޭނެ ފެސިލިޓީސްއަކާއި އޮފީސް ޖާގައެއްވެސް ތަރައްގީ ކުރެވިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު