ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި ކުޅުންތެރިޔާ އަލީ އަޝްފާގް(ދަނގަޑޭ) ފުޓުބޯޅަ ހަބަރުތައް ގެނެސްދޭ ފީފާ ޑޮޓްކޮމްއިން ފީޗާ ކޮށްފި އެވެ.

ފީފާ ޑޮޓްކޮމް އިން ގެނެސްދިން އާޓިކަލްއެގައި ބުނެފައިވަނީ 2013 ވަނަ އަހަރު އައި.އެފް.އެފް.އެޗް.އެސް އިން ހޮވި ދުނިޔޭގެ އެންމެ ގިނަ ގޯލް ޖެހި ދެވަނަ ކުޅުންތެރިޔާގެ މަގާމު ދަގަނޑޭ އަށް ލިބުން ވެގެން ދިޔައީ ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައިވެސް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމުގައެވެ.

ސަރަހައްދީ އަދި ބައިނަލް އަގުވާމީ މުބާރާތްތަކަށް އެކަނި ބަލައިލި ކަމުގައިވިޔަސް ދަގަނޑޭ ވަނީ 23 ގޯލާ އެކު، ދުނިޔޭގެ އެއްވަނައަށް އެންމެ ގިނަ ގޯލި ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯ އާ އެންމެ ދެ ގޯލްގެ ތަފާތުން ދެވަނަ ހޯދައިފައި ކަމަށެވެ. އަދި ހަމަ އެއާއެކު ސްވިޑްންއަށް އުފަން، އޭސީ މިލާންގެ ޒްލެޓަން އިބްރަހަމްވިޗް އާ ފަސް ގޯލްގެ ތަފާތެއް އަދި ދުނިޔޭގެ އެއްވަނަ އެތައް ފަހަރަކު ހޯދާފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާ އަށް ގޯލްގެ ތަފާތުން ކުރި ހޯދައިފައެވެ. މީގެ އިތުރުން ދަގަނޑޭ 2013 ވަނަ އަހަރު ބައިނަލް އަގުވާމީ މުބާރާތްތަކުގައި 14 ގޯލް ކާމިޔާބު ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

އުމުރުން އެންމެ 16 އަހަރުގައި ވެލެންސިއާ އިން ފުޓުބޯޅައިގެ ދާއިރާއަށް ނިކުތް ދަގަނޑޭ ވަނީ އޭނާގެ އުމުރުން 19 އަހަރުގައި ގައުމީޓީމުން ފުރުސަތު ހޯދައިފައެވެ. ވާތުފައިން ކުޅުމުގެ މޮޅު ހުނަރާ އެކު ދަގަނޑޭ ވަނީ ޔޫރަޕްގެ ކްލަބުތަކުގެ ސަމާލުކަން ވެސް ހޯދައިފައެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ވެބްސައިޓުގައި ފީޗާ ކުރި ދިވެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި ދިން އިންޓަވިއުއެއްގައި ދަގަނޑޭ ބުނީ ޕޯޗުގަލްގެ ބެންފީކާ އިން އުމުރުން 18 އަހަރުގައި ލިބުނު ފުރުސަތަކީ ބޭނުން ހިފަން ޖެހޭ ފުރުސަތެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ. ދަގަނޑޭއަށް ފުރުސަތު ހޯދައިދިނީ އޭރު ގައުމީ ކޯޗު ޕޯޗުގަލްގެ މެނުއަލް ގޯމޭޒޭވެ. ދަގަނޑޭ ދާން އެއްބަސް ވެ ޕާކިސްތާނަށް ގޮސް ވިސާ ވެސް ޖެއްސި ފަހުން އޭނާ ވަނީ ދާން ބޭނުން ނުވާކަން އިއުލާނު ކޮށްފައެވެ.

ފީފާ އިން ފާހަގަކޮށްފައިވާ ގޮތުގައި ދަގަނޑޭ އަކީ، އެ އިދާރާގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ ކޮލިފައިންގެ އޭޝިއާ ބުރަށް އާ މޫނެއް ނޫނެވެ. ޕްރެސް ކޮންފަރެންސަކަށް ހާޒިރު ނުވުމުން ދިން ސަސްޕެންޝަނަކާ ގުޅިގެން ގައުމީ ޓީމާ ދުރުގައި ހުރުމަށް ފަހު މިދިޔަ އަހަރު އެނބުރި އައިސް ދަގަނޑޭ ވަނީ ކޮލިފައިންފައި ސީރިއާ އަތުން 2-1 އިން ބަލިވި މެޗާއި ގުއާމް އަތުން 3-1 އިން މޮޅުވި މެޗުގައި ގޯލް ޖަހައިފަ އެވެ.

2022 ގައި އޮންނަ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިން ދެ ވަނަ ބުރުގައި ރާއްޖެ އޮތީ ގްރޫޕް އޭ ގެ ހަތަރު ވަނައިގައި ހަ ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު ސީރިއާ އެވެ. ދެ ވަނައިގައި އޮތް ޗައިނާ އާއި ތިން ވަނައިގައި އޮތް ފިލިޕީންސް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް ގުއާމް އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި އެވެ.