މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިދިޔަ ސީޒަނުގައި ހޯދަމުން ދިޔަ މޮޅުތަކަށް މަޑު ޖެހުމެއް ގެނައި އެއް ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބު ކަމަށާއި، މިފަހަރުގެ ކުރިމަތިލުމަކީވެސް ވާދަވެރި ކުރިމަތިލުމަކަށް ވެދާނެ ކަމަށް ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ރާއްޖޭގެ ލީގު މިދިޔަ ފަސް ފަހަރުވެސް ކާމިޔާބުކުރި މާޒިޔާއިން މިދިޔަ ސީޒަނުގެ ލީގު ނެގީ ބަލިނުވެއެވެ. އެހެން ނަމަވެސް ތިން މެޗުން އެއްވަރުވިއެވެ. އޭގެ ތެރެއިން އެއް މެޗަކީ ޓީސީއާ ދެކޮޅަށް ޑިސެމްބަރު މަހު ކުޅުނު މެޗެވެ. ޓީސީން ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުންދިޔަ އެމެޗުގައި ކޯޗު އާތީގެ އިރުޝާދުގެ ދަށުން އެޓީމުން ވަނީ 1-1 އިން މާޒިޔާއާ އެއްވަރު ކޮށްފައެވެ.

"އަސްލު ޓީސީގައި އެބަހުރި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް. މިދިޔަ ތިން މެޗުން ފާހަގަވި ބަލިފައި ރަނގަޅު ކުރުމަށް ކޯޗެއްގެ ހައިސިއްޔަތުން މި ދަނީ މަސައްކަތް ކުރަމުން. ވަރަށް އުނދަގޫ ޓާސްކެއް. އެހެން ނަމަވެސް ކުޅުންތެރިންގެ ހުރި ހުނަރަކާއެކު އެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް މިކުރަނީ. ޓީސީއަށް ފަސޭހައެއް ނުވާނެ މާޒިޔާއަކަށް. އެހެން ނަމަވެސް ބަލަމާ ހިނގާ މިދިޔަ އަހަރު މާޒިޔާ މޮޅުވަމުން އައި ރެކޯޑު އެންމެ ފުރަތަމަ މަޑު ޖައްސާލީ ޓީސީ. ދެން މެޗަކީ ތަފާތު އެއްޗެއް، ސީދާ އެ ދުވަހަކަށް ތައްޔާރުވެގެން ތިބޭ ވަރަކުން އެ ތަފާތު ފެންނާނެ. ޗެލެންޖިން މެޗަކަށް ވެދާނެ،" އާތީ އިއްޔެގެ ޕްރި މެޗު ޕްރެސްގައި ފާހަގަކުރިއެވެ.

އާތީ ބުނީ ޓީސީގެ ބަލިފައި ރަނގަޅު ކުރަން މާޒިޔާ މެޗަކީ ލިބޭ ފުރުސަތެއް ކަމަށާއި، މާޒިޔާއިން ސީދާ އެކަމަށް ޓާގެޓްކޮށް ކުޅެފިނަމަ އުނދަގޫ ވާނެ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް ހާއްސަކޮށް މަސައްކަތްތަކެއް ކޮށްފައި އޮތުމުން، އެ މަންޒަރު ދެކެން ބޭނުންވާ ކަމަށްވެސް އާތީ ފާހަގަކުރިއެވެ.

އާތީ ފާހަގަކުރީ ސްކޮޑުގައި އޮތް ފަރަގުން ބައެއް ފަހަރު އުނދަގޫތައް ދިމާވާ ނަމަވެސް، އެކަމަކީ އުޒުރެއްގެ ގޮތުގައި ދައްކަން ބޭނުންވާ ކަންކަމެއް ނޫން ކަމަށެވެ.

"ކޮންމެ ގޮތެއް ވިޔަސް، ޓީސީގައި އޮތީ ލިމިޓެޑް ސްކޮޑެއް. މާޒިޔާއަކީ ޓީސީއަށްވުރެ ކެޕޭސިޓީ ރަނގަޅު ޓީމެއް ކަމަށް ބުނެވިދާނެ. ދެން އެ އޮންނަ ސްކޮޑުގެ ތަފާތު ފެންނާނެ. ވިކްޓްރީ މެޗުގައި އެކަން ތަޖުރިބާ ކުރެވުނު. ފުރަތަމަ ހާފު ނިމުނު އިރު އެއްވަރުވެފައި އޮތީ. ދެން އެ ފަހުން ގެނައި ބަދަލުތަކާއެކު ހާލަތު ތަފާތުވީ. އެހެންވީމަ އެއީ ސްކޮޑުގައި ހުރި ތަފާތު،" އާތީ ފާހަގަކުރިއެވެ.

ޓީސީއާއި މާޒިޔާ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.