ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަކީވެސް އަދިވެސް ޓީމަށް މުހިއްމު ކުޅުންތެރިއެއް ކަމަށް ނިއު ރޭޑިއަންޓްގެ ކޯޗު ސްޕެއިންގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބުނެފިއެވެ.

ނިއު ރޭޑިއަންޓުން ލީގުގައި އެންމެފަހުން ދިއްދުއާ ދެކޮޅަށް އެރަށުގައި ކުޅުނު މެޗުގައި އެޓީމުގެ ކެޕްޓަން ބޭންޑްގައި ދަގަނޑޭ ވަނީ ފުރަތަމަ 11 އަށް ނުކުމެފައެވެ. އެމެޗުގައި އޭނާ ގޯލްވެސް ޖެހިއެވެ. އެ މެޗަކީ މިފަހަރުގެ ލީގު ސީޒަނުގައި ދަގަނޑޭ ފުރަތަމަ 11 އަށް ނުކުތް ފުރަތަމަ މެޗެވެ.

އުމުރުން 41 އަހަރުގެ ފޯވަޑް ދަގަނޑޭ، ކުރީގައި ހުރި ފޯމުގައި ނެތީސް، ދިއްދޫ މެޗަށް ނެރުނީ އެރަށު ސަޕޯޓަރުން ހިތްހަމަ ޖައްސާލުމަށްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ކޯޗު އަންދްރޭ ބުނީ އެެއީ އެކަމަށް ބަލާފައި ނިންމި ނިންމުމެއް ނޫން ކަމަށާއި، ދަގަނޑޭއަކީ ތަފާތު މެންޓާލިޓީއެއްގައި އަދިވެސް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާއަކީ މުހިއްމު ކުޅުންތެރިއެއް ކަމަށްވެސް އަންދްރޭ ބުންޏެވެ.

"އަޝްފާގަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް. ތަފާތު މޮޅުވެސް ކުޅުންތެރިއެއް. ހާއްސަކޮށް މީގެ ފަހެއް ނޫނީ ހަ އަހަރުކުރިން އަޝްފާގަކީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއް. އޭނާއަކީ އަދިވެސް އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. ހާއްސަކޮށް އޭނާގެ ތަޖުރިބާއާއި ކޮލިޓީ އަހަރެމެންނަށް ވަރަށް މުހިއްމު. ބައެއް މެޗުތައް ފުލްކޮށް ނުކުޅުނު ނަމަވެސް، އެއީ މުހިއްމު ކުޅުންތެރިއެއް،" ޕްރި މެޗު ޕްރެސްގައި އަންދްރޭ ބުންޏެވެ.

އަންދްރޭ ބުނީ ދިއްދޫ މެޗުގެ ކުރީކޮޅުގައި ފެނުނު ކުޅުމާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، އެ މެޗުން ދޭހަވީ ލީގުގެ އެއްވެސް މެޗެއް ފަސޭހަ ނުވާނެކަން ކަމަށެވެ.

"އަހަރެމެންނަށް މި ލިބުނީ ތިން ދުވަސް އެމެޗަށްފަހު. ދެން ގަބޫލުކުރަން، އަހަންނަށް އެންމެފަހުން ކުޅުނު މެޗު ކަމަކުނުދޭ. ދެން އޮތީ ކުރިއަށް އޮތް މެޗަށް ވިސްނުން. އެއީ ބޮޑު ޓީމެއް. އެހެންވީމަ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ. މޮޅުވާން ޖެހޭ މެޗެއް ކުރިއަށް މިއޮތީ. އެންމެފަހުން ކުޅުނު މެޗުގެ 20، 25 މިނެޓާ ހަމައަށް އަހަރެމެން ޓީމު ކުޅުނު ކުޅުމަށް ހިތްހަމައެއް ނުޖެހޭ. އެހެންވިޔަސް، ޓީމުގެ ވިސްނުން ޕޮސިޓިވްކޮށް ވިސްނަން ޖެހޭ. އެބަ އެނގެން ޖެހޭ ކޮންމެ ޓީމަކުން މިފަހަރުގެ ލީގުގައި ޗެލެންޖް ދޭނެކަން. އެހެންވީމަ އެކަމަށް ވިސްނަން ޖެހޭ،" އަންދްރޭ ފާހަގަކުރިއެވެ.

އަންދްރޭ ބުނީ ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިން މިވަގުތުވެސް އަނިޔާގައި ތިބި ނަމަވެސް، އެއީ އޭނާ ބަހަނާއެއްގެ ގޮތުގައި ދައްކާނެ ކަމެއް ނޫން ކަމަށެވެ.

އަންދްރޭ ޕްރެސްގައި އިތުރަށް ބުނީ ނިއު ރޭޑިއަންޓް ކަހަލަ ބޮޑު ޓީމެއްގައި މަސައްކަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށާއި، މި ކްލަބުގައި ހުރުން ހައްގުކަން ދައްކައިދޭން ޖެހޭ ކަމަށެވެ. އަދި މިހާރު ރާއްޖޭގެ ފުޓުބޯޅައިގައި ތަފާތު ވަރުގަދަ ވާދަވެރިކަމެއް އޮތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ނިއު ރޭޑިއަންޓާއި އޮޑި ސްޕޯޓްސް ކްލަބު ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ.