މިފަހަރުގެ ލީގުގެ ހާލަތު އޮތް ގޮތުން އެއްވެސް ޓީމެއް ފަސޭހަކޮށް ނުލެވޭނެ ކަމަށާއި، ކުރިއަށް އޮތް މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ނަތީޖާ ނެރުން މުހިއްމު ކަމަށް ކޯޗު ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ބުނެފިއެވެ.
މާޒިޔާއިން މިދިޔަ ފަސް އަހަރުވެސް ރާއްޖޭގެ ލީގު ކާމިޔާބު ކޮށްފައިވާ އިރު، މިފަހަރު ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައެވެ. އޭގެފަހުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރިން މާޒިޔާ ބަލިވި އިރު، އެންމެފަހުން ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންވީ އެއްވަރެވެ.
މީގެ ކުރިން ހޯދި ކާމިޔާބީތަކާއެކު ޕްރެޝަރު ބޮޑުވެފައިވޭތޯ ސުވާލުކުރުމުން ޓްރުޗާ ބުނީ، ޕްރެޝަރު އޮތް ނަމަވެސް އެކަމާ ކަންބޮޑުވެގެން ނޫޅޭނެ ކަމަށެވެ.
"އަހަރެން ވަރަށް ދުވަސްވެއްޖެ ފުޓުބޯޅައިގައި މަސައްކަތް ކުރާތަން. ކޮންމެ މެޗަކީވެސް އަހަރެމެންނަށް ޕްރެޝަރު އޮތް މެޗެއް. ކޮންމެ މެޗަކުން މޮޅުވާންވެސް ބޭނުންވާނެ. ނަތީޖާ ނެރެން ޖެހޭ، އަހަރެންވެސް ގަބޫލުކުރަން. ހާލަތު ބަދަލުކުރަން ކުރިއަށް އޮތް މެޗުތައްވެސް މުހިއްމު. އެކަމަކު ފުޓުބޯޅައަކީ އަހަންނަށް އެމަޖެންސީ ހާލަތެއްގައި ކުޅެން ޖެހޭ އެއްޗެއް ނޫން. މެޗުން ލިބޭ ތަޖުރިބާއަކީ އުފާވެރިކަމުގެ އިހުސާސަކަށް ވާން ޖެހޭނެ. ޓްރެއިނިންތަކުގައިވެސް ކުޅުންތެރިން ހިތްހަމަ ޖެހުމާއެކު މަސައްކަތް ކުރަން ޖެހޭނެ. އެއާއެކު ނަތީޖާއަށް މަސައްކަތް ކުރަން ޖެހޭނީ. އަހަރެމެން މިދަނީ ކަންކަން ރަނގަޅުކުރަމުން، ހާއްސަކޮށް އަހަންނަށް ޓީމު ރަނގަޅަށް ދަސްވަމުން ދަނީ،" ޓްރުޗާ ޕްރި މެޗު ޕްރެސްގައި ބުންޏެވެ.
"އަހަރެން މާޒިޔާއަށް އައުމުގެ ކުރިންވެސް ކަންކަން ރަނގަޅަށް ބެލިން. މާޒިޔާއަކީ ކާމިޔާބު ހޯދަމުންދިޔަ ޓީމެއްކަން އެނގޭ. އަހަންނަށް އެނގޭ މާޒިޔާއަކީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ތިބި ޓީމެއްކަން. ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއްވެސް ތިބި ޓީމެއްކަން. އެހެން އެކަން އޮތް ނަމަވެސް ދެން އޮތް ޓީމުތަކުން ވިސްނާ ކަންކަމަށްވެސް ބަލަން ޖެހޭނެ. އެ ޓީމުތަކުން ބޭނުމެއް ނުވާނެ މާޒިޔާ ހުރިހާ މެޗަކުން މޮޅުވާން. އަހަރެމެން ކުރަން ޖެހޭ ކަމަކީ ކުރަމުން އަންނަ މަސައްކަތް ކުރުން،" ޓްރުޗާ އިތުރަށް ފާހަގަކުރިއެވެ.
ޓްރުޗާ ބުނީ ކުރިއަށް އޮތް މެޗާއި، ދެން ހުރި އެއްްވެސް މެޗެއްވެސް ފަސޭހަ ނުކޮށްލެވޭނެ ކަމަށާއި، ލީގުން އެ މަންޒަރު ސާފުކޮށް ފެންނަ ކަމަށެވެ.
އަހަރެން އަބަދުވެސް ކުޅުންތެރިންނަށް ބުނަން، އެއްވެސް ޓީމެއް އަންޑައެސްޓިމޭޓް ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް. އަހަރެމެން ޖެހޭ އެހެން ކްލަބުތަކަށްވެސް ވިސްނަން. މި ލީގުގައި ނެތް ފަސޭހަ ކޮށްލެވޭނެ ޖާގައެއް. އަހަރެން އަބަދުވެސް މިދަނީ އެވާހަކަ ބުނަމުން،" ޓްރުޗާ ބުންޏެވެ.
މާޒިޔާއިން މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 4:00 ގައެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް