ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ގާނޫނުގެ އެ މާއްދާ އިން ބައެއް އުނިކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު އެ މަޖިލީހުން ބަލަިއގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ބަލައިގަތީ ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 73 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މީކާއީލް މި އިސްލާހު ހުށަހެޅުއްވީ، ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ރޭޕިސްޓުން މުޖުތަމައަށް ދޫވާނެ ފުރުސަތު އޮތް ކަމަށް ވިދާޅުވެއެވެ.
އެ ގާނޫނަށް ގެންނަ އިސްލާހެއްގެ ގޮތުގައި މީކާއީލް ބިލު ހުށަހަޅުއްވާފައި ވަނީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) (ރ) އަދި (ބ) އުނިކުރުމަށެވެ.
އެއީ ރޭޕްގެ ޝިކާރައަކަށް ވާ ފަރާތުުގެ އަހުލާގާއި އުޅުމަށް ބަލައި، ރޭޕްކުރި މީހާއާ ދެކޮޅަށް ހުށަހަޅާ ހެކި، ނަފީ ކުރުމުގެ ގާނޫނީ ބާރު ކޯޓަށް ލިބިދޭ ގޮތަށް ލިޔެފައިވާ ބައެވެ.
ގާނޫނުގެ 53 ވަނަ މާއްދާގެ (ނ) ގައި ބުނަނީ، ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ ނަފްސުގެ އަބުރުވެރިކަމާއި އަހުލާގާއި ގުޅުން ހުރި ކަންކަމުގެ ތެރެއިން ކޯޓަށް ސާބިތުވާ ކަންކަމުގެ މައްޗަށް ބަލާއިރު، އެފަދަ ކުށެއް އޭނާއާ މެދު ހިނގާފައިވާ ކަމަށް ދޮގު ހެކި ދީފާނެ މީހެއް ކަމަށް ކޯޓަށް ގަބޫލު ކުރެވޭ ފަދަ ހާލަތެއް ކޯޓަށް ފާހަގަ ވުމެވެ.
(ރ) ގައި ބުނެފައިވަނީ ކުށުގެ ޝިކާރައަކަށް ވީ ފަރާތާއި ކުށުުގެ ތުހުމަތު ކުރެވޭ ފަރާތުގެ ވާހަކަޔަށް ރިއާޔަތް ކުރާއިރު، ތުހުމަތު ކުރެވޭ ކުށް އެގޮތަށް ހިނގާފައި ވުމަށްވުރެ ބޮޑަށް، އެކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބެލެވޭނެ ފުރުސަތު ލިބިދޭ ހާލަތެއް ވުޖޫދުގައިވާ ކަމަށް ކޯޓަށް ގަބޫލު ކުރެވިދާނެ ކަމަށެވެ.
މީގެ އިތުރުން (ބ) ގައި ބުނަނީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތާމެދު ކުށުގެ ތުުހުމަތު ކުރެވުމުގެކުރިން، އޭނާ އާއި ކުށުގެ ޝިކާރައަކަށް ވީ ފަރާތާ ދެމެދު އޮތް ގުޅުމަކީ، އަދި އެ ދެ ފަރާތުގެ ދެމެދުގައި ހިނގާފައިވާ މުއާމަލާތްތަކަކީ، ތުހުމަތު ކުރެވޭ ކުށް ހިނގުމަށް މަގުފަހިވެދާނެ ސަބަބެއް ވުޖޫދުގައި އޮވެދާނެ ހާލާތެއް ކަމަށް ކޯޓަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް