ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ މެންބަރުންނަށް ކަނޑައަޅާފައިވާ އަގު ބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ހުށަހެޅި އީ ޕެޓިޝަަނަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލިސް ތަޅުމަށް ފޮނުވަން މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.

މި ޕެޓިޝަންގައި 7225 މީހުން ވަނީ ސޮއި ކޮށްފައެވެ. މިއީ އެންމެ ގިނަމީހުން ދެވަނައަށް ސޮއިކުރި އީ ޕެޓިޝަނެވެ. އެހެންކަމުން، މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދުގައިވާ ތްރެޝް ހޯލްޑް އެކަކާއި ދޭއްގައިވާ ޝަރުތު ހަމަވާ ވަރަށް މި ޕެޓިޝަނަށް ވަނީ ސޮއި ލިބިފައެވެ.

އެކަމާ ގުޅިގެން އިއްޔެ ބޭއްވި ޕެޓިޝަން ކޮމިޓީގައި ޕެޓިޝަނާ ބެހޭގޮތުން ބަހުސްކޮށް، އެ ޕެޓިޝަނަށް ބަހުސް ކުރުމަށް މަޖިލިސް ތަޅުމަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެެވެ.

ގާނޫނުގައި ބުނަނީ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެ އާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރިކޮށްދޭން ވާނެ ކަމަށެވެ. އަދި މަޖިލިސް މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށްވެސް ގާނޫނުގައި ބުނެފައިވެއެވެ.

އެހެންކަމުން އެ އިންޝުއަރެންސުން މެލޭޝިއާ ތައިލެންޑު އަދި ސިންގަޕޫރުންވެސް އެ ބޭފުޅުންނަށް ބޭސް ކުރެވޭނެއެވެ.

އެކަމާ ގުޅިގެން މެންބަރުންގެ ހެލްތު އިންޝުއަރެންސް ކަނޑާލަން ގޮވާލައި ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ސޮއި ކުރަން ހުށަހަޅާފައިވާ މި ޕެޓިޝަންގައި ބުނެފައިވަނީ، އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލު ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ދިވެހިރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުންވެސް ކުރާ ކަމެއް ނޫން ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގުތިސޯދުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާތަކުން ފެންނަ ގޮތުގައި ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދޭ އެއްވެސް ބޮޑު ގައުމެއް ދުނިޔޭގައި ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ޕެޓިޝަންގައި ބުނެފައިވަނީ، ދައުލަތަކުން ދޭ އަސާސީ ސިއްހީ އިންޝުއަރެންްސަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އެއްވަރަކަށް އަދި އެއް އުސޫލަކުން ދޭން ޖެހޭ އެއްޗެއް ކަމަށެވެ. ވަކި މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން އިތުރު މޮޅު ބޮޑު ސިއްހީ އިންޝުއަރެންސަށް ހަރަދު ކުރެވެން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އެހެންކަމުން ކުރީގެ މަޖިލިސް މެންބަރުންނާއި މިހާރުގެ މަޖިލިސް މެންބަރުން އަދި އެ މެންބަރުންގެ އާއިލާތަކަށް ރާއްޖެ، ސާކު އަދި އާސިއާންގެ ގަމުތަކުން ސިއްހީ އިންޝުއަރެންސް ލިބޭން ޖެހޭ ކަމަށް ބުނާ ގާނޫނުތައް އުވާލައި ހުުރިހާ މަޖިލިސް މެންބަރުންނަކީވެސް އާންމު އެހެން ހުރިހާ ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް ދެވޭ ބަޔަކަށް ހަދައި، އެެއްވެސް މަޖިލިސް މެންބަރަކަށް އަދި މެންބަރެއްގެ އާއިލާއަކަށް އާންމު ދިވެހިންނަށް ނުދޭ އެއްވެސް ހާއްސަ ސިއްހީ އިނާޔަތެއް ޓެކްސް ފައިސާއިން ހަރަދުކޮށް ލިބިގެން ނުދާނެ ގޮތަށް ގާނޫނުތަކަށް ގެންނަން ޖެހޭ ހުރިހާ އިސްލާހުތައް ގެނައުމަށް މި ޕެޓިޝަންގައި ވަނީ އެދިފައެވެ.