ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލު ކުރުމަށް ހާއްސަ ކުރެވިފައިވާ "ރޭޕް އެވިޑެންސް ކިޓް" ބޭނުން ކުރަން ލާޒިމްކޮށް ޖިންސީ ކުށުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަު ހިސާން ހުސެއިން ހުށަހެޅުއްވި މި އިސްލާހު ބަލައިގަތީ، ރައްޔތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 71 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލު ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް ވަނީ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފައެވެ.

ޖިންސީ ކުށުގެ ގާނޫނަށް ހުށަހަޅާފައިވާ މި އިސްލާހުގައި "ރޭޕް އެވިޑެންސް ކިޓް" ގައި އެންމެ މަދުވެގެން ހަތް ސާމްޕަލެއް ހިމެނެން ޖެހޭނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ. އޭގެ ތެރޭގައި، އިސްތަށިގަނޑުންނާއި ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުގެ ވަށައިގެންވާ ސަރަހައްދުތަކުން ނަގާ އިސްތައްޓާއި، ލެއާއި ކުޑަކަމުދާ ތަކެއްޗާއި، ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ އަންނައުނާއި ނިޔަފައްޗާއި، ނިޔަފަތި ދަށުން ނަގާ ސާމްޕަލް އާއި، ކުރިމަތި ފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލްގެ އިތުރުން އަނގައިން ނަގާ ސާމްޕަލް އާއި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް، ހިމެނެއެވެ.

އެ ކިޓްތަކާ މެދު ފުލުހުން ކަންތައް ކުރަން ޖެހޭނެ ގޮތްތައް ވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

މިގާނޫނުގައި ބުނާ ފަދަ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ކުށުގެ ޝިކާރައަަކަށް ވީ ފަރާތެއް ސިއްހީ ހިދުމަތްދޭ ތަނަކަށް ހިދުމަތް ހޯދަން ގޮސްފިނަމަ އެ މަރުކަޒަކުން ސޯޝަލް ސާވިސް ޑިޕާޓްމެންޓަށް އަންގަންވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ. އެގޮތަށް ސިއްހީ މަރުކަޒުން އަމަލު ނުކޮށްފިނަމަ އެކަން ކުރި މީހަކު އެއްމަސް ދުވަހާއި ތިންމަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ވެސް ބިލުގައި ހިމަނާފައި ވެއެވެ.