ރިޕޯޓް

ޖުމުލަ 9 ދަރީން ލިބުނު، ސަލާމަތުން ބޮޑުވި ދެބޭންގެ ކުއްލި މަރާއެކު މުސްކުޅި މައިންބަފައިން ޝޮކެއްގައި

އަލީ ޔާމިން

11

ދ. ކުޑަހުވަދުއަށް އުފަން މުހައްމަދު ރަޝީދުގެ ލޮލުގައި އެއަތޮޅު ވާންޏަށް އުފަން ޒުލޭހާ އިސްމާއިލް، އާންމު ނަމުން ނަމަ

"ދަލޭކަ" އަޅައިގަތީ ރޭނުމުގެ މަސައްކަތް ކުރަން އެ އަތޮޅު ވާންޏަށް ގޮސް އުޅުމުގެ ތެރޭގައެވެ. ވާނީ ދަލޭކައާއި ކުޑަހުވަދޫ މުހައްމަދު ރަޝީދު ކައިވެނި ކުރީ އުފާވެރި ޒަވާޖީ ހަޔާތެއް އެކުގައި ހޭދަކުރުމުގެ ފޮނި އުއްމީދުތަކާ އެކުގަ އެވެ.

ކައިވެނީގެ ދުވަސްކޮޅެއް ފަހުން ރަޝީދު ވަނީ ދަލޭކަ ގޮވައިގެން ރަޝީދުގެ އުފަން ރަށް ދ. ކުޑަހުވަދުއަށް ބަދަލު ވެ، އަމިއްލަ ގެވަޅުގައި ދިރިއުޅެން ފަށައިފައެވެ. މިއަދާ ހަމަޔަށްވެސް އެދެމަފިރިން ދިރިއުޅެމުން އަންނީ އެ ގޭގައެވެ. އަލަތު ކައިވެނި މަތީގައެވެ. ދެފާރާތުގެ އާއިލާގައިވެސް އެހާ ގިނަ މެންބަރުންނެއް ނެތެވެ. ދަލޭކަގެ އެއްބަނޑުއެއްބަފާ އަންހެން ދައްތައެއް އިންނައިރު، ރަޝީދުގެ އެއްބަނޑު އެއްބަފާ ދެބެން އެބަތިއްބެވެ. އެ ދެމީހުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. އެހެންކަމުން ރަޝީދާއި ދަލޭކަ ދިރިއުޅެމުން އައީ އަމިއްލައަށް ކާންބޯން ކުރި މަސައްކަތުން ލިބުނު އެއްޗަކުން ދެކޮޅު ޖައްސައިގެންނެވެ. ރަޝީދަކީ މަސައްކަތް ކުރާން ދަންނަ، ހީވާގި މީހެކެވެ. ވޭތުވެދިޔަ ތަނުގައި އަދި މިހާރުވެސް އޭނާ އަންނަނީ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރަޝީދުގެ އުމުރުން 70 ފުރިފައިވާ އިރު، ދަލޭކަގެ އުމުރަކީ 60 އެވެ.

"ރަޝީދަކީ ވަރަށް ގިނަ ވައްތަރުގެ މަސައްކަތް ދަންނަ މީހެއް. އެންމެ ފުރަތަމަ އޭނާ ކުރި މަސައްކަތަކީ ރޭނުމުގެ މަސައްކަތް. އެކަހަލަ ދަތުރެއްގައި ވާންޏަށް ގޮސް އުޅުމުގެ ތެރޭގައި ދަލޭކަ ފެނުނީވެސް. ދެން އޭގެ ފަހުން ދަލޭކައާ ކައިވެނިކޮށް އޭނާއާއެކު ކުޑަހުވަދޫއަށް ބަދަލުވެ ދަނޑުވެރިކަންވެސް ކުރި. އޭގެ ފަހުން މަސްވެރިކަން ކުރި. ބޮޑު ކަންނެލި މަސްވެރިކަން ތައާރަފުވި ފަހުން ކަންނެލީގެ މަސްވެރިކަމަށްވެސް އަހަރުތަކެއް ވަންދެން ގޮސް އުޅުނު. ދެން މިހާރުވެސް މަދު ވިއްކާނެ. ބައެއް ފަހަރު ކަޅުވަށާއި މުށިމަސްފަދަ ތަކެތި ބާނައިގެން އެވެސް ވިއްކާނެ." ރަޝީދު ކުރި އަދި ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ދެމުން ވާނީ ކުރީގެ ބޮޑުކަތީބު އަލީ ފިރާގު "ވަން" އަށް ވިދާޅުވި އެވެ. ސުނާމީއަށް ފަހު ވާނީ ރައްޔިތުންވެސް މިހާރު ދިރިއުޅެމުން އަންނަނީ ކުޑަހުވަދޫގައެވެ.

ރަޝީދުގެ ދެމަފިރިންނަށް ޖުމުލަ 9 ދަރީން ލިބުނެވެ. އޭގެ ތެރެއިން ގަދަވެ ސަލާމަތުން ބޮޑެތިވީ 2 ކުދިންނެވެ. އެދެމަފިރީންނަށް އެންމެ ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. ހަދީޖާ ނަމަކަށް ކިޔާ އެކުއްޖާ ނިޔާވީ އުމުރުން 3 އަހަރުގައެވެ. އޭގެ ފަހުންވެސް އެދެމަފިރިންނަށް 4 ކުދިން ލިބިފައި ވެއެވެ. އެ ހުރިހާ ކުދިންވެސް ވަނީ ވަރަށް ޅަފަތުގައި މަރުވެފައެވެ. އޭގެ ފަހުން އެދެމަފިރިންނަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. އެއީ އަލީ ރިޔާޒު އާއި އިސްމާއިލް ރިޒާ އެވެ. އެދެބޭންގެ ފަހުންވެސް އެއްމާބަނޑު ދެކުދިން ރަޝީދުގެ ދެމަފިރިންނަށް ލިބުނެވެ. އެ ދެކުދިން ވަނީ ވިހެއުމުގެ ކުރިން މައިމީހާގެ ބަނޑުތެރެޔަށް މަރުވެފައެވެ.

އެހެންކަމުން ގަދަވެ ސަލާމަތުން ބޮޑެތިވި ރިޔާޒު އަދި ރިޒާ ވެގެން ގޮސްފައިވަނީ ރަޝީދުގެ ދެމަފިރިންގެ ފުރާނައަށެވެ. ދެމަފިރިން އެދެބޭން ދެކެ އިންތިހާއަށް ލޯބިވެއެވެ. ސްކޫލު ދައުރު ނިންމި ގޮތަށް އެދެބޭން ނުކުތީ ގައުމީ ހިދުމަތަށެވެ. އަލީ ރިޔާޒު ސިފައިންގެ ހިދުމަތާ ގުޅުނު އިރު، ރިޒާ ގުޅުނީ ފުލުހުންގެ ހިދުމަތާއެވެ. ސިފައިންގެޔަށް ވަނުމަށްފަހު ފަހު ރިޔާޒު ދިރިއުޅެމުން އައީ ވެރިރަށް މާލޭގައެވެ. މާލެ ބަދަލު ވުމަށްފަހު ކައިވެންޏެއް ކޮށް، އެކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައެވެ.

މީގެ ކުރިން ސިއްހީ އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވާ، ސިފައިންގެ ސްޓާފް ސާޖެންޓެއްގެ ގޮތުގައި ހުރި ރިޔާޒް 37އ. ނިޔާވެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 5 ވަނަ ދުވަހު ސިފައިންގެ ޓްރޭނިންއެއްގައި އުޅެނިކޮށް ހާޓްއެޓޭކެއް ޖެހިގެންނެވެ. އާއިލާގެ އެންމެ އިސް ފަރާތްކަމުގައިވާ ރިޔާޒްގެ ވަކިވެދިއުން ވީ އާއިލާއަށް ލިބުނު ބޮޑު ހިތްތަދިކަމަކަށެވެ. އެއީ އެދެމަފިރިންނަށް ލިބުނު 9 ދަރިންގެ ތެރެއިން ގަދަވެ ސަލާމަތުން ބޮޑުވި ދެ ދަރިންގެ ތެރެއިން އެއް ދަރިފުޅު މި ފަނާކުރަނިވި އާލަމާ އަބަދުގެ އަބަދަށް ވަކިވީމައެވެ.

ރަޝީދުގެ ދެމަފިރިން މުސްކުޅިވެ ގައިބާރު ދެރަވި ދުވަހު، އަދި އެމީހުންނަށް ދަރިންގެ ފަރާތުން ކުލުނާއި ލޯބި އެންމެ ބޭނުންވި ދުވަހު ދޮށީ ދަރިފުޅު ކުއްލި ގޮތަކަށް ނިޔާވުން ވެގެންދިޔައީ އެދެމަފިރިންނަށް ބަރުދާސްތުކުރަން އުނދަގޫ ފުން ހިތާމައަކަށެވެ. ރިޔާޒްގެ އަންހެނުންނާއި ޔަތީމު ވި ފިރިހެން ދަރިފުޅުގެ ހަޔާތަށްވެސް އައީ ބަނަ އަދި އުނދަގޫ ދުވަސްތަކެކެވެ. ހިތްދަތިކަމާ މާޔޫސްކަމާއެކުގައެވެ.

ރިޔާޒް ނިޔާވިތާ އަހަރެއްހާ ދުވަސްވެސް ނުވަނީސް އަނެއްކާވެސް ރަޝީދުގެ އާއިލާއަށް މިވަނީ ބޮޑު ހިތާމައެއް ކުރިމަތި ވެފައެވެ. ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު، ފުލުސް ސާޖެންޓް އިސްމާއިލް ރިޒާ، 35އ. ކުއްލި ގޮތަކަށް އިއްޔެ ނިޔާވުމާ އެކު، ކައިރި ކައިރީގައި ދެބޭން ނިޔާވުމުގެ ހިތާމަ އާއި ވޭން ރަޝީދުގެ ދެމަފިރިން އުފުލީ ގޮތް ހުސްވެފައިވާ ހާލު މޮޅިވެރިކަމާއެކުގައެވެ. ގިނަ ދަރީންތަކެއް ލިބުނު ނަމަވެސް ގަދަވެ ސަލާމަތުން ބޮޑުވި ދެބޭން ކައިރިކައިރީގައި ނިޔާވުމުން އެ ދެމަފިރީން އެކަނިވެރިވެއްޖެ އެވެ.

އެއާއިލާގެ އިތުރުން ކުޑަހުވަދޫއަށްވެސް މި ހާލަތު ވެގެން ގޮސްފައިވަނީ ފަޅު އަދި ކަޅު ދުވަހަކަށެވެ. ރަށުގެ އެންމެންގެ ލޯބި ހޯދައިފައިވާ އެ ދެބޭން ގާތްގާތުގައި ވަކިވެދިއުންވީ އެރަށަށްވެސް ލިބުނު ފުން ހިތާމައަކަށެވެ.

ރިޔާޒް އާއި ރިޒާއަކީ ކުޑަހުވަދޫ ގިނަބަޔަކު ގަދަރުކުރި ދެބެންނެވެ. ގިނަ ބައެއްގެ އިހްތިރާމު ލިބިފައިވާ ބަސް ވިކޭ ދެބޭންނެވެ. ކުޑައިރުއްސުރެ ބަސްއަހާ ދީނީ ކަންކަމަށް ފަރުވާތެރި ދެބޭންނެވެ.

"އެ ދެބޭންނަކީ ބަސްމަދު އަދި ގިނަ ބައެއްގެ އިހްތިރާމާއި ލޯބި ލިބިފައިވާ ދެބޭން. ދުވަހަކުވެސް ގޯސް އަޑެއް އެ ދެބޭންނޭ ކިޔައިގެން އަރައިފައެއް ނެތް. ވަރަށް ހުލްގު ރަނގަޅު ދެބޭން އެއީ" ކުޑަހުވަދޫން "ވަން"އަށް މައުލޫމާތު ދިން މީހަކު ރިޔާޒް އަދި ރިޒާއާ ގުޅޭ ގޮތުން ބުންޏެވެ.

އިއްޔެ ނިޔާވި، ރިޒާގެ ގާތް އެކުވެރިޔަކު "ވަން"އަށް މައުލޫމާތު ދެމުން ބުނީ، ރިޒާއަކީ ވަރަށް ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެއް ކަމަށެވެ. އެކުގައި ގިނަ އަހަރުތަކެއް ވަންދެން ފުލުހުންގެ ހިދުމަތުގައި އުޅުނު އިރު އެންމެ ބޮޑަށް ފާހަގަ ވީ ރިޒާއަކީ ދީނީ ކަންކަމަށް ފަރުވާތެރި ބޭފުޅެއް ކަމުގައިކަން އޭނާ ފާހަގަކުރި އެވެ.

"ދީނީ ކަންކަމަށް ވަރަށް ފަރުވާތެރިވާނެ. ހަމަ އެގޮތުގައި ބަދަލެއް ނުވެ ނިމިދިއުމާ ހަމަޔަށްވެސް ރިޒާ އެހުރީ. އެކަހަލަ ރައްޓެހިން މަދުވާނެ" ރިޒާއާއެކު 13 އަށް ވުރެ ގިނަ އަހަރު ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރި ފުލުހަކު ނަން ހާމަ ނުކުރުމަށް އެދި "ވަން" އަށް މައުލޫމާތު ދެމުން ބުންޏެވެ.

ހާޓްއެޓޭކެއް ޖެހިގެން އިއްޔެ ކުއްލި ގޮތަކަށް ނިޔާވި ސާޖެންޓް ރިޒާއަކީ މީގެ ކުރިން ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން ހިތުގެ މައްސަލަތަކެއް ކުރިމަތިވެވަޑައިގެން، އޭނާ ގެންދެވީ ބޭސް ކުރަައްވަމުންނެވެ. އިއްޔެ ރޭ ފަތިހު ކުއްލި ގޮތަކަށް ނިޔާވި އިރުވެސް އުޅުއްވީ ބަލިވެ އެވެ. އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނީ، ފަރުވާކުރުމަށް ހޮސްޕިޓަލަށް ގެންދިޔަތާ ގާތްގަނޑަކަށް ހައެއްގަ ގަޑިއިރު ފަހުންނެވެ.

ރިޒާ ނިޔާވި އިރު، ދެ އަންހެން ބޭފުޅަކާއި ފިރިހެން ބޭފުޅަކު އަދި އަނބިކަނބަލަކު ދުނިޔޭގައި އެބަ އިންނެވި އެވެ. ރިޒާ ވަނީ، 14 އަހަރު ދުވަސްވަންދެން ފުލުހެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ނިޔާވި އިރު ހުންނެވީ ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ޓީޑީ އޮފިސަރެއްގެ ގޮތުގަ އެވެ. ފުލުހުންގެ އިދާރާއަށްވެސް ގެއްލިގެން އެދިޔައީ އިހްލާސްތެރި ބޭފުޅެކެވެ. ފުލުހުން ވަނީ ރިޒާގެ އާއިލާއަށް ތައުޒިޔާވެސް ފޮނުއްވައިފައެވެ.

ގައިބާރު ދެރަވެ، އުމުރުން ދުވަސްވެފައިވާ ރަޝީދުގެ ދެމަފިރިންނަށް ގެއްލިގެން އެދިޔައީ 40 އަހަރަށްވުރެ ގިނަ ދުވަސްވީ އަލަތު ކައިވެންޏަށް ލިބުނު 9 ދަރީންގެ ތެރެއިން ގަދަވެ ސަލާމަތުން ބޮޑެތިވި ހަމައެކަނި ދެދަރިންނެވެ. އާއިލާއަށް ގެއްލިގެން އެދިޔައީ މުހިންމު ދެ މެންބަރުންނެވެ. ކުޑަހުވަދުއަށް ގެއްލިގެން އެދިޔައީ އެރަށް ފަހުރުވެރިވާ ދެދަރިންނެވެ. ގައުމަށް ގެއްލިގެން އެދިޔައީ މުހިންމު ގައުމީ ދެ ހިދުމަތްތެރީންނެވެ.