ކޮވިޑް-19 އާ ގުޅިގެން އަތޮޅުތެރޭގައި ގާއިމުކުރާ ފެސިލިޓީތަކުގެ ތެރެއިން ލ. ގަން ކޮވިޑް މެނޭޖުމަންޓް ފެސިލިޓީ ނިންމައި، ހިދުމަތް ދިނުމަށް ތައްޔާރުވެއްޖެ އެވެ.

ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އަލީ ނަޝީދު "ވަން" އަށް ވިދާޅުވީ، ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ހިމެނެނީ 20 އެނދުގެ އައިސީޔޫއަކާއި 15 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް އަދި 12 އެނދުގެ ކަރަންޓީން ފެސިލިޓީއެއް ކަމަށެވެ.

ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުރި އެންއައިސީޔޫ އާއި އައިސޮލޭޝަން ދެ ރޫމް އަދި ތިން ވޯޑު އެއްކޮށްލައިގެން ހެދި ކޮވިޑް އައިސީޔޫ ރޫމާއެކު އެ ހޮސްޕިޓަލުގައި އައިސީޔޫ އެނދުގެ އަދަދު 24 އަށް ވަނީ އިތުރުވެފަ އެވެ. އެއީ އެ ހޮސްޕިޓަލުގައި މީގެ ކުރިން ގާއިމްކޮށްފައިވާ އައިސީޔޫ ހަތަރު އެނދާއެކު އެވެ.

ނަޝީދު ވިދާޅުވީ، އައިސޮލޭޝަން ފެސިލިޓީ ހަދާފައިވަނީ ކައުންސިލް އިދާރާއާއި ޔޫތު ސެންޓަރުގެ ބައެއްގައި ކަމަށާއި ކަރަންޓީން ފެސިލިޓީ ހަދާފައިވަނީ ހޮސްޕިޓަލުގެ އެކޮމަޑޭޝަންގައި ކަމަށެވެ. މި ހުރިހާ ތަނަކީ ވެސް ހޮސްޕިޓަލާ ކައިރީގައި ހުންނަ ތަންތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ވެސް ގަން ރީޖަނަލް ހޮސްޕިޓަލްގައި ހަމަޖައްސަމުން އަންނަކަން ފާހަގަކުރައްވައި ނަޝީދު އިތުރަށް ވިދާޅުވީ، ޓެސްޓު ހެދޭނެ މެޝިނާއި ކާޓްރިޖް ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ. މިހާރު ނުލިބެނީ ސޭފްޓީ ކެބިނެޓެއް ކަމަށާއި އޭތި ވެސް އަވަސް މުސްތަގުބަލެއްގައި ލިބޭނެ ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން މީގެ ކުރިން ބުނެފައިވާ ގޮތުން އަތޮޅުތެރޭގައި ހަތް ފެސިލިޓީއެއް ގާއިމް ކުރާނެ އެވެ. އެއީ ފަސް މެއިން ފެސިލިޓީ އާއި ދެ ޓްރާންސިޓް ފެސިލިޓީ އެވެ. މެއިން ފެސިލިޓީތައް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ ލ. ގަމާއި އައްޑޫ ސިޓީގެ އިތުރުން ގއ. ވިލިނގިއްޔާއި ބ. އޭދަފުށި އަދި ށ. ފުނަދޫގަ އެވެ.