ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ސެކްޝަންގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ވަންއޮންލައިން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ އެމަޖިލީހުގެ ކޮމެޓީ ސެކްޝަންގެ މުވައްޒަފެއް ކަމަށެވެ.

އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ހެދުމާއި މަޖިލިސް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަަމަށްވެސް ވިދާޅުވިއެވެ.

ޒިޔާއު ދާޅުވީ މުވައްޒަފަކު ޕޮޒިޓިވް ވި ނަމަވެސް ޑިސްއިންފެކްޓް ކުރުމަށްފަހު މަޖިލީހުގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ. އެގޮތުން އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބާއްވަން އޮތް ބައްދަލުވުން ވެސް ކުރިޔަދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ޒިޔާއު ވިދާޅުވީ ޕޮޒިޓިވް ވި މުވައްޒަފު ހިމެނެން ޖެހޭ ކޮމެޓީތަކުގެ މަސައްކަތްތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

140 އަށް ވުރެ ގިނަ މުވައްޒަފުން ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު މީގެ ކުރިންވެސް ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައެވެ. އެފަހަރު ޕޮޒިޓިވް ވެފައިވަނީ، އެ އިދާރާގެ މެއިންޓެނަންސް ޔުނިޓްގައި މަސައްކަތްކުރާ މުވައްޒަފެކެވެ.