ބިދޭސީންނަށް ރަށްވެހިކަން ދިނުމުގެ އިސްލާހަކީ ރާއްޖެއަށް ތަފާތު ދީންތައް ފެތުރުމަށް މަގުފަހި ކުރުމުގެ ގޮތުން ރޭވިގެން ހިންގަމުންދާ ކަންތައްތަކެއް ކަމަށް އިދިކޮޅު، ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި، މަޖިލީހުގެ ތަޅުމަށް ފޮނުވުމުން، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އަލުން ވިސްނުމަށް މަޖިލިސް ރައީސް އެ ބިލު އަނބުރާ ކޮމިޓީއަށް ވަނީ ފޮނުވާލައްވައިފައެވެ.
އެ ބިލަށް ގެނައުމަށް މަޖިލިސް ރައީސް އެދިވަޑައިގެންނެވި އިސްލާހުތަކުގެ ތެރޭގައި ހިމެނެނި، އެއީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއެއް ނުވަތަ ރާއްޖޭގައި ދިހަ އަހަަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބެން ޖެހޭނެ ކަމަށެވެ.
ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ބިދޭސީންނަށް ރަށްވެހިކަން ދިނުމުގެ އިސްލާހަކީ ވަރަށް ނުބައި ކަމެއްގެ ފެށުން ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބުދުﷲ ޔާމީން ވަނީ ރާއްޖޭގެ ރައްޔިތުން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ބަދަލު ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް ވަރަށް ގިނައިން ދައްކަވާފައި ކަމަށާއި މިއީ އޭގެ ފެށުން ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ފެނިގެން މިދަނީ ރާއްޖޭގެ ރައްޔިތުން ބާރު ނެތި، ރާއްޖޭގެ ވެރިކަމަށް ބަޔަކު ގެންނަން މަސައްކަތް ކުރުމަށް މަގުފަހި ކުރަމުންދާ މަންޒަރު ކަމަށެވެ.
"މިއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ ރައްޔިތުން ފުންކޮށް ވިސްނަންޖެހޭ ކަމެއް. ރާއްޖެއަށް ތަފާތު ދީންތައް ފެތުރުމަށް މަގުފަހި ކުރުމުގެ ގޮތުން ރޭވިގެން ހިނގަމުންދާ ކަންތައްތަކެއް މި ފެނިގެން ދަނީ،" އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ނުބައި ރޭވުމެއް ކަމަށާއި މިކަމަކީ ބައެއް ބާރުގަދަ ގައުމުތަކުގައި ތަންތަން ހިސޯރު ކުރުމަށް ބޭނުން ކުރާ އުކުޅެއް ކަމަށެވެ. އަދި ވެރިކަމުގައި ތިއްބެވި ފަރާތްތައް މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންގެ ބާރު ރާއްޖެއިން ކަނޑުވަައިލަން ކަމަށާއި ދިވެހިރާއްޖެ ކިއުމުގެ ބާރު ގެއްލިގެންދާން މަގުފަހި ކުރުވުން ކަމަށް ވިދާޅުވިއެވެ.
ޕްރެސްގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ މި އިސްލާހަކީ މި ގައުމުގެ އިސްތިގުލާލާއި މިނިވަންކަން ގެއްލުވައިލުމަށްޓަކައި ގަސްތުގައި ރާވައިގެން ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.
"މަޖިލީހަށް ހުޅުވި ބަހުސްކުރެވި ކޮމެޓީ މަރުހަލާ ނިންމައި ރިޕޯޓް ފައިނަލް ކުރެވުމަށްފަހު އެއަށް އިސްލާހުތަކެއް ގެނެވިގެންނޭ މިކަން ހިންގޭނީ ވެރިކަން ކުރާ ޕާޓީގެ ރައީސް ވިދާޅުވުމަކީ ވަރަށް ނުރައްކާތެރިކަމެއް،" ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ މި އިސްލާހަކީ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ދެބޭފުޅުން ގުޅިގެން މިގައުމުގެ މިނިވަންކަން ގެއްލުވާލައި އަޅުވެތި ކުރުމަށް ސީދާ ރޭވިގެން ގަސްތުގައި ހިންގަވާފައިވާ އަމަލެއް ކަމަށެވެ.
މި އިސްލާހުތަކާ މެދު މިހާތަނަށް ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި، ރާއްޖޭގައި ދިހަ އަހަރަށްވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީއަކަށް ރެސިޑެންސް ވިސާ ލިބެން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ އެ އިސްލާހު ބިލުގައި ނުހިމެނުމަށް މެންބަރުން ވަނީ ނިންމަވައިފައެވެ.
ނަމަވެސް ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީއެއް ނުވަތަ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާ ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ކުރާ ބިދޭސީއަކަށް ވިސާ ދޭންޖެހޭ ގޮތަށް އޮތް ބައި ބައެއް އިސްލާހުތަކާއެކު ބިލުގައި ހިމެނިދާނެ ކަމަށް މެންބަރުން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު