ހުޅުމާލޭ ބޭރުގައި އޮތް ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި އަދި ތުހުމަތު ކުރަނީ އެންމެ ފުރަތަމަ ހައްޔަރުކުރި ދެމީހުންނަށް އެކަނި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ހުޅުމާލޭ ބޭރުގައި އޮތް ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި އަދި ތުހުމަތު ކުރަނީ ކުށުގެ ވެށިން ހައްޔަރުކުރި ދެ ފިރިހެނުންނަށް އެކަނި ކަމަށެވެ. އެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
"އަޅުގަނޑުމެން އެ ތުހުމަތުގައި އެ ފަރާތް ނޫން ފަރާތަކަށް އަދި ކޮށްފައެއް ނުވާނެ،" މަންނާނު ވިދާޅުވިއެވެ.
ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެން މީހަކަށް ދެ ފިރިހެނަކުވެގެން ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށް މަންނާނު ވިދާޅުވިއެވެ. އެގޮތުން ވިކްޓިމް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް ހިނގިކަަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަފާރީގައި ހިނގައިދިޔަ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނީ، އެމީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.
އެ ދެމީހުން މަސްތުގެ ހާލުގައި ތިބިކަމަށް ތުހުމަތު ކުރެވޭއިރު، މަންނާނު ވިދާޅުވީ އެމީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް އެއްވެސް ވަރަކަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެމީހުން ދޫކޮށްލުމުގައި އެއްވެސް ނުފޫޒެއް އެއްވެސް ބަޔަކު ފުލުހުންގެ މައްޗަށް ފޯރުވާފައި ނުވާ ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް