ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި އޭނާގެ ބަޔާން އަދި ނަގާފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ މައްސަލައިގެ ތަހުގީގު އަދި އޮތީ ވަރަށް ޅަފަތުގައި ކަމަށާއި މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ހެކި ހޯދުމުގެ މަސައްކަތް ކަމަށެވެ.
އެ ބައްދަލުވުމުގައިި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އަލީ ވަހީދާ އެއްވެސް ސުވާލެއް ފުލުހުން ކޮށްފައި ނުވާ ކަމަށާއި އޭނާގެ ބަޔާން ނަގާފައި ނުވަނީ ތަހުގީގު ގޮސްފައިވާ ހިސާބަށް ބަލާއިރު އަދި އެކަން ކުރަން ނުފެންނާތީ ކަމަށެވެ.
"އަޅުގަނޑުމެން މި މައްސަލައިގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކާ ސުވާލެއް ނުކުރަން. އަޅުގަނޑުމެން ނުކޮށް މިހުރީ މިހާރު ތަހުގީގުގައި އައިސްފައި މިހުރި ހިސާބުން އަދި އެކަން ކުރަން ތަހުގީގަށް ނުފެންނާތީ،" މަންނާނު ވިދާޅުވިއެވެ.
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ހިފާއްޓައި ފުރުން މަނާކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓު ހިފެހެއްޓީ ތަހުގީގަށް ހާޒިރުކުރަން ޖެހޭ ހާލަތެއްގައި ފަސޭހައިން ހާޒިރުކުރެވޭނެ މަގުފަހިކުރުމުގެ ގޮތުން ކަމަށް މަންނާނު ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި ޓޫރިޒަމް މިނިސްޓްރީގެ އެތައް މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދު ވަނީ މިމަހުގެ ނުވަވަނަ ދުވަހު އެމަގާމުން ދުރުކޮށްފައެވެ. އަލީ ވަހީދު މަގާމުން ދުރުކުރީ އިސްތިއުފާ ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން އިސްތިއުފާދެއްވާފައި ނުވުމުންނެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ވަކިކުރި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފައެވެ.
އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ. ނަހުލާއާ ގުޅޭގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރައަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފައެވެ.
ފުލުހުން ވަނީ އަލީ ވަހީދަށް ތުހުމަތުކުރެވޭ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށް، އޭނާގެ މޯބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް