ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީގައި ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް ސަފާރީ ތެރޭ ހިނގި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެން މީހަކަށް ދެ ފިރިހެނަކުވެގެން ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ވިކްޓިމް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، ސަފާރީގައި ޖިންސީ ގޯނާއަށް ވުރެ ބޮޑުކަމެއް ހިނގިކަަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން ބުނީ، އަންހެނަކު ދަންވަރުގެ ވަގުތެއްގައި މޫދަށް ފުންމާލާނީ ބޮޑުކަމެއް އޮތީމުން ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން އޭނާ މޫދަށް ފުންމާލި ސަބަބު ހޯދުމަކީ ފުލުހުންގެ މަގުސަދެއް ކަމަށެވެ. ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކެންޔާ އަންހެން މީހާ ބުނެފައިވާ ގޮތުން އޭނާ މޫދަށް ފުންމާލައިފައިވަނީ އޭނާއާ މެދު ޖިންސީ ގޯނާގެ އަމަލެއް ހިންގަން އުޅުމުން އެކަމުން ސަލާމަތްވާން ވެގެން ކަމަށެވެ.
އިތުބާރު ހިފޭ މަސްދަރަކުން "ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެ އަންހެން މީހާއަށް ފަތާކަށް ނޭނގެއެވެ.
"ވިކްޓިމް ބުނެފައި މި އިންނަނީ އޭނައަށް ޖިންސީ ގޯނާގެ އަމަލެއް ފުރަތަމަ ހިންގާފައި ދެވަނަ ފަހަރުވެސް އެފަދަ އަމަލެއް ހިންގުމަށް ބަޔަކު އަންނާތީ އެކަމުން ސަލާމަތްވުމަށް ފުންމާލީއޭ. އަޅުގަނޑުމެން މި ބޭނުންކުރާ ބަހަކީ ޖިންސީ ގޯނާ އެތަނަށް. އަޅުގަނޑުމެން ގަބޫލުކުރަން ބޭނުންވަނީ ފަހަރުގައި އެއަށްވުރެ ބޮޑުކަމެއް އެތަނުގައި ހިނގާފައި އޮވެދާނެއޭ. ގޯނާއަށް ވުރެ ބޮޑުކަމެއް ހިނގާފައި އޮވެދާނެއޭ،" މަންނާނު ވިދާޅުވިއެވެ.
ސަފާރީގައި ހިނގައިދިޔަ ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން ކުށުގެ ވެށިން ފުލުހުން ދިވެހި ދެ ފިރިހެނަކު ހައްޔަރުކުރި ނަމަވެސް ފަހުން އެމީހުން ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނީ، އެމީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.
އެ ދެމީހުން މަސްތުގެ ހާލުގައި ތިބިކަމަށް ތުހުމަތު ކުރެވޭއިރު، މަންނާނު ވިދާޅުވީ އެމީހުން ތިބީ މަސްތުގެ ހާލުގައި ކަމަށް އެއްވެސް ވަރަކަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެމީހުން ދޫކޮށްލުމުގައި އެއްވެސް ނުފޫޒެއް އެއްވެސް ބަޔަކު ފުލުހުންގެ މައްޗަށް ފޯރުވާފައި ނުވާ ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.
މަންނާނު ވިދާޅުވީ ސަފާރީގައި ޖިންސީ ގޯނާކުރި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޝްވަރާއާއެކު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް