މިދިޔަ މަހުގެ 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ހިނގި ކަމަށް ބުނާ، ރޭޕް ކޭސްގައި އަނިޔާވި މީހާ ޑޮކްޓަރަށް ދެއްކުން ލަސް ނުވާ ކަމަށާއި، ހެކި ގެއްލުނު ކަމަށް ގަބޫލު ނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.
އެ މައްސަލައާ ބެހޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އެ މައްސަލައިގައި އަނިޔާ ލިބުނު 27 އަހަރުގެ ބިދޭސީ އަންހެންމީހާ ޑޮކްޓަރަށް ދެއްކުން ލަސްވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޑީސީޕީ ވިދާޅުވީ، އެ މައްސަލައިގައި އެންހެންމީހާ ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށް ބުނުމުން ފުރަތަމަ އެކަމަށް އެމީހާ އިންކާރު ކުރި ކަމަށެވެ. އެއްވެސް މީހަކު ގަދަކަމުން ޑޮކްޓަރަށް ދެއްކުމަކީ ރަނގަޅުކަމެއް ނޫން ކަމަށާއި އޭނާ ޑޮކްޓަރަށް ދައްކަން ޖެހޭކަމަށް ވިސްނައިދިނުމަށްވެސް ވަގުތު ނެގި ކަމަށެވެ. އަދި ފުލުހުން އޭނާ ޑޮކްޓަރަށް ދެއްކުމުގެ ވާހަކަ ދެއްކި އިރު، އޭނާއަކީ ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް ނެތް ކަމަށާއި އޭނާ ޑޮކްޓަރަށް ދެއްކީ ފުލުހުންގެ ވެހިކަލުގައި ގޮސް ލިޔެކިއުންތަކާއެކު އޭނާ ގެނެސްގެން ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.
އެކަމާ ބެހޭ އިތުރު ތަފްސީލު ދެއްވަމުން، ޗީފް އިނިސްޕެކްޓާ މަރިޔަމް އަޒުމާ ވިދާޅުވީ، ޖޫން 26 ވަނަ ދުވަހުގެ ފަތިހު 5:00 ގައި އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން 9:30 ގައި ޑޮކްޓަރަށް ދައްކައި 10:15 ހާއިރު ޑައިގްނޯސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ޑޮކްޓަރަށް ދެއްކުން ލަސް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މައްސަލައަކީ ރޭޕް ކޭސްއެއްގެ ގޮތުުގައި ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަަމަށްވެސް ވިދާޅުވިއެވެ.
އެ މައްސަލަ ހުށަހަޅާފައިވާ ގޮތަށް ބަލައި ކުރަންޖެހޭ ޓެސްޓުތައް ކޮށްފައިވާ ކަމަށާއި، އެ މައްސަލައަށް ބަލައި ހެކި ފޮރުވުން ނުވަތަ ހެކި ނެތިގެންދާ ވަރުގެ ކަމެއް ހިންގާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އިތުރު ތަފްސީލް ދެއްވަމުން ޗީފް އިނިސްޕެކްޓާ މުހައްމަދު ބަޝީދު ވިދާޅުވީ، ފުލުހުން މީހުންގެ މައްޗަށް ސާމްޕަލް ނެގުމާއި ހެކި ހޯދުމުގެ މަސައްކަތް ކުރަނީ ވިކްޓިމް ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައިވެސް ކަންތައް ކޮށްފައިވަނީ އެގޮތަށް ކަަމަށާއި، އެ އަންހެންމީހާ ޑޮކްޓަރަށް ދައްކައި، ޑޮކްޓަރުންގެ ފަރާތުން ބޭނުންވާ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ.
އެކަމުގައި ލަސްވެގެން ހެކިތަކެއް ގެއްލިފައިވާކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެވަރުގެ ކަމެއް ހިނގާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް