ކޮވިޑް 19 ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދިން ގޮތުގައި މަރުވި މީހާއަކީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާ މަރުވީ ކޮވިޑަށް ޕޮޒިޓިވް ވުމުން ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 15 ވަނަ މީހާއެވެ. އަދި މިއީ މިމަހުގެ ތެރޭ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ހަވަނަ މީހާއެވެ.
އޭނާއާއެކު މިހާތަނަށް ޖުމުލަ 10 ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިހާތަނަށް ރާއްޖޭގައި ކޮވިޑް ޖެހިގެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން 2831 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 2321 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 481 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު