ކޮވިޑް 19 އާ ގުޅިގެން ވަޒީފާ ގެއްލިފައިވާ ޒުވާނުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ ބައެއް މަސައްކަތްތައް ކޮމަންވެލްތު އެކްޝަން ސީރީސްގެ ފުރަތަމަ ސެޝަންގައި މިނިސްޓާ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފް ހިއްސާ ކުރައްވައިފި އެވެ.

ޔޫތު މިނިސްޓްރީން ބުނީ ކޮމަންވެލްތު އެކްޝަން ސީރީސްގެ ފުރަތަމަ ސެޝަންގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު މަހްލޫފު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ދުނިޔެއަށް ތަފާތު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު މިވަގުތަކީ ޒުވާނުންގެ ލީޑަޝިޕާއި ވޮލަންޓިއަރިޒަމް ދުނިޔެއަށް އެންމެ ބޭނުން ވަގުތު ކަމަށެވެ.

މިނިސްޓަރު މަހްލޫފު ވަނީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ގިނަ ބަޔަކީ ޒުވާނުން ކަމަށްވާއިރު ކޮވިޑް19ގެ ސަބަބުން އެތައް ހާސް ޒުވާނުންގެ ވަޒީފާ ގެއްލިފައިވާ ކަމަށާއި އެ ޒުވާނުންނަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ ބައެއް މަސައްކަތްތައް މި ސެޝަންގެ ބައިވެރިންނާއި ހިއްސާކުރައްވައިފައެވެ.

ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުންދަނީ ޒުވާނުންކަން ފާހަގަކުރައްވައި މިނިސްޓަރު މަހްލޫފް ވަނީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. މި ސެޝަންގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް އަދި ކޮމަންވެލްތު ޔޫތު ކައުންސިލްގެ ޗެއާޕާސަން ޓިޖާނީ ކްރިސްޓިއަން ވެސް ވަނީ ވާހަކަ ދައްކަވައިފައެވެ.

ޔޫތު މިނިސްޓްރީން ބުނީ ކޮމަންވެލްތު އެކްޝަން ސީރީސްއަކީ ކޮވިޑް 19 ގެ ސަބަބުން ފަސްކުރެވުނު ކޮމަންވެލްތު ޔޫތު ފޯރަމްގައި މަޝްވަރާ ކުރަން ކަނޑައެޅުނު ކަންތައްތަކަށް މަޝްވަރާކުރުމަށް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކޮމަންވެލްތުން ނިންމާފައިވާ ހާއްސަ ސެޝަންތަކެއް ކަމަށެވެ.

އެގޮތުން މި ސީރީސްގެ ދަށުން ބޭއްވި ފުރަތަމަ ސެޝަންގެ ތީމެއްގެ ގޮތަށް ކަނޑައަޅާފައިވަނީ "ޓޭކިން ޗާޖް އޮފް އަވަ ފިއުޗާ" އެވެ.