ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ދަރިވަރަކާއި ދެ ޓީޗަރު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވަނީ ރެހެންދި ސްކޫލްގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އެއީ ކިތައް ދަރިވަރުންނާއި ޓީޗަރުންނެއް ކަމެއް ކަށަވަރެއް ނުކޮށްދެއެވެ.
ރެހެންދި ސްކޫލްގެ އިސް އޮފިޝަލަކު "ވަން" އަށް ކަށަވަރުކޮށްދިން ގޮތުގައި ޕޮޒިޓިވް ވީ ދެ ޓީޗަރުންނަކީ ޕްރީ ސްކޫލް ޓީޗަރަކާއި ގުރޭޑް އަށަކަށް ކިޔަވައިދެއްވާ ޓީޗަރެކެވެ.
ނަމަވެސް މިވަގުތު ސްކޫލްތަކުގައި ކިޔަވައި ދެމުން އަންނަނީ ގުރޭޑް ނުވައަކުން މައްޗަށް ކަމުން ދެ ޓީޗަރުން ވެސް ސްކޫލަށް ހާޒިރުވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެމީހުން ޕޮޒިޓިވް ވީ ގޭގައި އުޅޭ އާއިލާގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެގެން ހެދި ޓެސްޓުތަކުގެ ނަތީޖާއިންނެވެ. އަދި ޕޮޒިޓިވް ވި ދަރިވަރަކީ ދަށް ގުރޭޑެއްގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމުން އެ ކުއްޖާ ސްކޫލަށް ދާކަށް އަދި ނުފަށައެވެ. މި އެންމެން ވެސް މިވަގުތު ތިބީ ކަރަންޓީނުގައެވެ.
"ވަން" އަށް މައުލޫމާތު ދިން އޮފިޝަލު ވިދާޅުވީ، އެމީހުންގެ އެއްވެސް ޕްރައިމަރީ ކޮންޓެކްޓެއް ސްކޫލުން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ އެކަކުން ފެށިގެންނެވެ. އެގޮތުން ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފަށާފައިވާއިރު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ގުރޭޑް ނުވަޔަކުން މައްޗަށެވެ.
އޭގެ އިތުރުން ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ހާޒިރުވާން ޖެހޭއިރު ސްކޫލް މާހައުލުގައި ވެސް ވަނީ ގައިދުރުކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކުލާސްރޫމްގައި ތިބޭ ކުދިންގެ އަދަދު މަދުކޮށް، މޭޒުތައް އަތުރާފައިވަނީ ކޮންމެ ދެމޭޒެއް ދެމެދުގައި ތިން ފޫޓު ދުރުމިން ހުންނަ ވަރަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު