މިއަދު 32 ގައުމަކުން ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. އަފްޒަލް ވިދާޅުވީ، މިއަދު ރާއްޖެއަށް 212 މީހުން އައިސްފައިވާ ކަމަށާއި އޭގެ ތެރޭގައި 102 ފަތުރުވެރިން ހިމެނޭ ކަމަށެވެ.
މިއަދު ރާއްޖެއަށް 32 ގައުމަކުން ފަތުރުވެރިން އައިސްފައިވާއިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ޔޫރަޕުން ރާއްޖެ އައި ފަތުރުވެރިން ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ބޯޑަރު ހުޅުވާލުމާ ގުޅިގެން ގަތަރު އެއާވޭސް އަދި ޔޫއެލްގެ ސްރީލަންކަން އެއާވޭސްގެ ފްލައިޓެއް ޖައްސާފައިވޭ. މީގެ އިތުރުން އެއް ޕްރައިވެޓް ޖެޓްވެސް ޖައްސާފައިވޭ. ގަތަރު އެއާވޭސްއިން އައި ފްލައިޓުގައި ހިމެނެނީ 113 މީހުން. މީގެ ތެރޭގައި ހިމެނޭ 101 ފަރާތަކީ ފަތުރުވެރިން. އަދި 12 މީހަކީ ބިދޭސީ ވޯކް ޕާމިޓްގެ މީހުން. މީގެ އިތުރުން ކޮލަމްބޯ ފްލައިޓުގައި އެކު ޖުމްލަ 99 މީހަކު އެތެރެވެފައިވޭ. މީގެ ތެރޭގައި ހިމެނެނީ 28 ދިވެއްސަކާ 68 ބިދޭސީންނާއި އެއް ފަތުރުވެރިން" ޑރ. އަފްޒަލް ވިދާޅުވިއެވެ.
ކޮވިޑު 19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މިއަދު ވަނީ ބޯޑަރުތައް ހުޅުވާލައި އިގުތިސޯދީ ހަރަކާތް އާ ފެށުމަކުން ފަށައިފައެވެ. މިރޭގެ ނޫސްވެރިންގެ ބައްދަލުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވެފައިވާ ގޮތުގައި މިނިސްޓްރީގެ މިހާރުގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖެއަށް އެއް މިލިއަން ފަތުރުވެރިން ގެނައުމެވެ.
ބޯޑަރުތައް ހުޅުވާލިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރާއްޖެ އަންނަ އެންމެން ސްކްރީން ކުރުން ފަދަ ކަންކަން ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު