ވެލާނާ އިންޓަނޭޝަން އެއާޕޯޓުން: މުހައްމަދު ސިމާއު

ރާއްޖޭގައި މި އޮތީ މުޅި ދުނިޔޭން ވެސް އެންމެ ރައްކާތެރި ޓޫރިޒަމް ކަމަށް ވިދާޅުވެ، އެއްވެސް ޖެހިލުންވުމެއް ނެތި ޓޫރިސްޓުން ރާއްޖެއަށް ދަތުރު ކުރުމަށް އިކޮނޮމިކް މިނިސްޓަރު، ފައްޔާޒް އިސްމާއީލް ދައުވަތު ދެއްވައިފި އެވެ.

ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހު ބަންދުރުކުރުމަށް ފަހު، ގާތްގަނޑަކަށް ހަތަރު މަސް ދުވަހަށްފަހު އަލުން ބޯޑަރު ހުޅުވާލުމާއެކު މިއަދު އެންމެ ފުރަތަމަ ރާއްޖެ އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 103 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

އެ ފްލައިޓުން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރާއްޖެ އުފެދިފައި އޮންނަ ގޮތުން މިއީ ފަތުރުވެރިންނަށް ދުނިޔޭގައި އޮތް އެންމެ ރައްކާތެރި މަންޒިލް ކަމަށެވެ.

އޭގެ އިތުރުން ރާއްޖެއަކީ ކޮވިޑާ ގުޅިގެން ކުރިމަތި ވި ކާރިސާއަށް އެންމެ ވަރުގަދަޔަށް ކުރިމަތިލި އެއް ގައުމު ކަމަށާއި އަދި ރާއްޖޭގައި ރަނގަޅު ޓެސްޓިން ފެސިލިޓީސްތަކާއި ބެކަޕް ފެސިލިޓީސް އެބަހުރި ކަމަށެވެ

"ހުރިހާ ފަތުރުވެރިންނަށް އަޅުގަނޑު މި އެދެނީ ސަނީ ސައިޑް އޮފް ލައިފް ހޯދައި ބަލައިލަން އަންނާށޭ... ޓޫރިސްޓުންގެ ސިއްހަތާއި ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ގާއިމްކޮށްފައިވާ ނިޒާމަކީ އެންމެ ފުރިހަމަ ނިޒާމު އަދި އެކަން ކަށަވަރު ވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، އިތުރު ފަތުރުވެރިން ގެނައުމަށް ބައިވަރު މަސައްކަތްތަކެއް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކާއެކު އެ މަޝްވަރާތައް ކުރަމުން އަންނައިރު އެގައުމުތަކުން ބަލާ މިންގަނޑުތަކެއް ހުންނަ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގައި ބަލި ފެތުރޭ މިންވަރާއި އަމަލުކުރާ ގޮތް ހިމެނޭ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރާ ވަރަކަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ އިސްތިހާރު ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ވަރަށް މުހިންމު އާންމު ދިރިއުޅުން ފަށައިގެންދާއިރުގައި މިއަދަކީ އާންމު ދިރިއުޅުން ނޫންކަން ހުރިހާ ރައްޔިތުން ބަލައިގަނެގެން، މިސާލަކަށް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ވީހާވެސް ވަރަކަށް މަސައްކަތް ކޮށްދެއްވުމުން. އެއީ މި ހުރިހާ ކަމަކީ ހުރިހާ ގައުމަކުން މޮނީޓާކޮށް ބަލާ ކަންކަން،" މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރުތައް މިއަދު ހުޅުވާލި އިރު މިއަދު އެކަނި ވެސް އިންޓަނޭޝަނަލް ދެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެއެވެ. ސަރުކާރުން ބުނެފައިވާ ގޮތުން ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން ވަނީ ޖާގަ ނަގައިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ބޮޑެތި އެއާލައިންތައް ހިމެނެއެވެ.

އޮޕަރޭޝަން ހުއްޓާލާފައިވާ ރިސޯޓުތަކުގެ ތެރެއިން 38 ރިސޯޓެއް އަލުން އޮޕަރޭޝަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނާއިރު އެ ރިސޯޓުތަކުން ޖުމްލަ 7،655 އެނދު އޮޕަރޭޝަނަށް އަންނާނެއެވެ. ނަމަވެސް ގިނަ ރިސޯޓްތައް ހުޅުވަން ނިންމާފައިވަނީ އަންނަ މަހާއި ސެޕްޓެމްބަރު މަހުގައެވެ.