ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި މައްސަލަ، މަރު ކޮމިޝަނުން ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ފާހަގަ ކުރެވުނު ކަންތައްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް އެކަމުން އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮމިޝަނުުގެ ކަންކަން މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާ ބެހޭގޮތުން، މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓް އެ ކޮމިޝަނުގެ އޭރުގެ ރައީސް ހުސްނުއް ސުއޫދު އެ މަނިކުފާނަށް އެރުވުމުން އެ ރިޕޯޓް މަޖިލީހުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ވެރިންނާ ހިއްސާ ކުރެއްވި ކަމަށެވެ.
އޭގެ އިތުރުން އެ ޑްރާފްޓް ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމައި ކޮމިޓީއަށް ފެންނަ ވާހަކަތައް އެ މަރާބެހޭ ކަންކަން ސަރުކާރުގެ އެކިއެކި ތަންތަނަށް ވެސް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ އެކަމުން އެއްވެސް ނަތިޖާއެއް ނުފެންނަ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ގާނޫނުއަސާސީގައި ކަންކަން ހުންނަނީ ވަޒީރު ބޭފުޅުންނާ ހަވާލު ކުރައްވައިފައިކަން މަޖިލިސް މެންބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ނަމަވެސް "މި މަޖިލީހަކީ ވަޒީރު ބޭފުޅުން ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ތަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކާއި، ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މަރު ކޮމިޝަނަކާއި، ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ ހޯދުމަށް އެސެޓް ރިކަވަރީ ކޮމިޝަނެއް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވުމުން، އެ ދެ ކޮމިޝަނަށް ބާރު ދީފައިވަނީ، 2019 ވަނަ އަހަރު ފާސްކުރި ރިއާސީ ކޮމިޝަންތަކުގެ ގާނޫނުންނެވެ. އެކޮމިޝަންތަކުގެ މަސައްކަތްތަކާ ބެހޭގޮތުން މީގެ ކުރިންވެސް މަޖިލިސް ރައީސް ސުވާލު އުފައްދަވައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
ނަމަވެސް މިދިޔަ މަހު އެ ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިހާރު ހުރި މައްސަލަތައް ނިމެންދެން އެ ކޮމިޝަނުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.