ބިދޭސީ މަސައްކަތްތެރިން ކުރަމުން އަންނަ މުޒާހަރާތައް މިހާރު މިއޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ހިންގަމުންދާ ތަފާތު ހަމަނުޖެހުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ، ބިދޭސީންގެ މައްސަލަ ބޮޑުވީ އެމީހުންގެ ފަރާތުން ދިމާވި ކުދި އަދި ބޮޑެތި ކަންތައްތަކަށް އަޅައިނުލެވި އޮތުމުން ކަމަށެވެ.
"މިހާރު މި ދިމާވެގެން އުޅޭ ކަންތައްތައް މިހާ ހިސާބަށް އަންނަން ދިމާވި އެތައް ބައިވަރު ސަބަބުތަކެއް އެބަހުރި. މިހާރު މިކަން ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ދަނީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ، މީގެ ހައްލަކަށް ނާދެވިއްޖެ ކަމަށްވަންޏާ. ބިދޭސީން މިހާ ހިސާބަށް އައިއިރު އެމީހުންގެ ފަރާތުން ދިމާވާ އެންމެ ކުދި ކަންތައްތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތަކާ ހަމައަށް އެޓެންޑު ނުވެވުނީމައޭ މިހާ ހިސާބަށް މިކަންތައްތައް މިދިޔައީ،" ޝަރީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގައުމުގެ ކަންތައް މިހާރު މިދަނީ ދިވެހިންނަށް ހުއްދަ ނޫން ހުރިހާ ކަމެއް ބިދޭސީންނަށް ހުއްދަވާ ކަހަލަ ގޮތަކަށް ކަމަށާއި އެމީހުން ޖޫރިމަނާކޮށް، ފިޔަވަޅެއް ނޭޅޭ ކަމަށެވެ. އަދި މިކަމުގައި ދިމާވާ ހުރިހާ ވެސް މައްސަލައަކީ އެމީހުންނާ ދޭތެރޭ އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ޖެހޭ މިންވަރަށް ނޭޅުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ފަރާތުން މިހެން ބުނެފައިވާއިރު ފުލުހުންނާއި ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން މިއަދު ވަނީ ފުލުހުންނާ ކުރިމަތިލައިފައެވެ. އަދި އެ ކުރިމަތިލުންތަކުގައި ގަލާއި ތަކެތި ފުލުހުންނާ ދިމާއަށް އުކައިފައިވާއިރު، ބައެއް ފުލުހުންނަށާއި އާންމުންނަށް ވަނީ އަނިޔާވެސް ވެފައެވެ.
ބިދޭސީންގެ މުޒާހަރާތައް ނުހުއްޓި ކުރިޔަށް ދާނަމަ ކިހާ ބޮޑު ގައުމީ ނުރައްކަލެއް ކުރިމަތި ވެދާނެތޯ ކޮމިޓީގެ މުގައްރިރު އަދި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން ދާއިރު މިހާރު ކުރަމުން އަންނަ މުޒާހަރާތަކާ އެމީހުން ގުޅި، އިތުރު ސައިޓްތަކުގައި އެ މުޒާހަރާތައް ކުރާނަމަ ފުލުހުންނަށް ކޮންޓްރޯލް ކުރަން ދަތިވެގެން ގޮސްދާނެ ކަމަށެވެ.
ބިދޭސީން ލައްވައި މުޒާހަރާތައް ކުރުވަން ބަޔަކު މަސައްކަތް ކުރާކަމަށް ކުރާ ތުހުމަތުތަކާ ގުޅިގެން އެއްވެސް ތަހުގީގީ ރިޕޯޓެއް އޮތްތޯ ކޮމިޓީގެ މެންބަރު، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކުރެއްވި ސުވާލުގެ ޖަވާބުގައި ބަޝީރު ވިދާޅުވީ، މުސާރަ ނުދޭ މައްސަލަޔަކީ ކުރިން ވެސް އޮތް މައްސަލައެއް ނަމަވެސް ކުރިން މަގުތަކަށް ނުކުމެ ބިދޭސީން މުޒާހަރާކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހިތްވަރު ދޭ ކަމަށް ބެލެވޭތީ، އެކަމާ ގުޅިގެން އިންޓެލިޖެންސް ރިޕޯޓްތައް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބެލެވެނީ ކޮންމެވެސް ބަޔަކު މީގެ ތެރޭގައި ކަންތައް ކުރަމުންދާތީއޭ މި ހިތްވަރެއް ލިބިގެން މިގޮތަށް ކަންތައް މި މުޒާހަރާތައް ދަނީ. މީގެ ކުރިން ފެނުނު މަންޒަރުތަކެއް ނޫން މިއީކީ މިހާ ގިނަ އަދަދެއްގެ ބަޔަކު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމާ. މުސާރަ ނުދޭ މައްސަލައަކީ ކުރިން ވެސް އޮތް މައްސަލަތަކެއް. ނަމަވެސް މިގޮތަކަށް މަގުތަކަށް ނުކުމެ އަމަލުކުރަމުން ނުދޭ. ކޮންމެވެސް ބަޔަކު މި މީހުންނަށް ހިތްވަރުދޭ ކަމަށް ބެލެވޭތީ އެކަން ބަލަމުން މިދަނީ،" ބަޝީރު ވިދާޅުވިއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް