ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅަން އަންގާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަޅަން ޖެހޭ މާސްކު އަޅައިގެން އުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

ތިން ފޫޓު ދުރުގައި ތިއްބަވައިގެން މާސްކު ނާޅައި މަޖިލިސް ތަޅުމުގައި ވާހަކަ ދެއްކުމުގެ ހުއްދަ މަޖިލިސް ރައީސް ވަނީ މެންބަރުންނަށް ދެއްވައިފައެވެ.

ނަމަވެސް މާސްކު އެޅުމަށް މަޖިލިސް ރައީސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިލްތިމާސް ކުރެއްވީ، މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވާފައިވާ ދެ މެންބަރުން ކަމަށްވާ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމުގެ މެދުގައި، މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅާނީ ކޮން މެންބަރެއްތޯ، ބެލުމަށް ބޭއްވި ގުރުއަތުލުމުގައި ބައިވެރިވުމަށް، މެންބަރު ހަލީމު މާސްކު ނާޅައި ވަޑައިގަންނަވަން ފެއްޓެވުމުންނެވެ.

"އަޅުގަނޑު ވަރަށް އާދޭހާއެކު ދަންނަވަން ރާއްޖޭގެ ހުރިހާ ބޭފުޅުންނަށް ވެސް މި މާސްކުގަނޑު އަޅާލައިގެން އަދި ދުވަސްކޮޅަކު އުޅުއްވާށޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނު ޖަލްސާގެ ރިޔާސަތުގައި އިންނަވާއިރު، މާސްކު ނާޅުއްވަނީ، އެކަކު އަނެކަކަށް، ތިން ފޫޓު ދުރުމިނުގައި ތިބުމުން އެކަމުން ސަލާމަތް ވާކަން ސާފުކޮށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ނަމަވެސް ދިމާވާ މައްސަލަޔަކީ މަޖިލިސް މެންބަރުން މާސްނު ނޭޅުމުން، މާސްކު އަޅަން ޖެހޭކަމަށް ދެކޭމީހުން އާއްމުންގެ ތެރޭގައި މަދުވެގެން ދިއުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތިން ފޫޓު ދުރުމިނުގައި ތިބީމާ މިކަމުން އަޅުގަނޑުމެންނަށް ސަލާމަތް ވެވޭކަމަށް އަޅުގަނޑަށްވެސް މިހާރު ވަރަށް ސާފުކޮށް މައުލޫމާތު ދީފައިވާތީ، އަޅުގަނޑަށް ކުރީގައިވެސް އެކަން އެނގޭ. އެހެންނަމަވެސް މީގައި މި ދިމާވާ މައްސަލަޔަކީ، އަޅުގަނޑުމެން މާސްކު ނޭޅީމާ ދެން އާއްމުންގެ ތެރެއިން މާސްކު އަޅަން ޖެހޭކަމަށް ދެކިވަޑަިއގަންނަވާ މީހުން މަދުވެގެންދަނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.