ރ. ދުވާފަރުން ހޯމް ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލި ތިން މީހަކު ޕޮޒިޓިވް ވުމުން، އެރަށަށް އަރައި ފޭބުން މަނާކޮށްފި އެވެ.

ދުވާފަރު ކައުންސިލްގެ ނައިބް ރައީސް ހައްވާ ސަމީލާ "ވަން" އަށް ވިދާޅުވީ އެޗްޕީއޭ އިން އެންގުމާއި ގުޅިގެން ރަށް މިހާރު ލޮކްޑައުން ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުން ޕޮޒިޓިވްވި ތިން މީހުންނަކީ ހޯމް ކަރަންޓީންގެ 14 ދުވަސް ހަމަވުމާ ގުޅިގެން ހެދި ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން، އެޗްޕީއޭގެ ހުއްދައާއެކު މީގެ ދެ ދުވަސް ކުރިން ދޫކޮށްލި އެއް އާއިލާއެއްގެ ތިން މީހުން ކަމަށެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައިވަނީ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅެވެ.

ނަމަވެސް ދޫކޮށްލި ފަހުން އެޗްޕީއޭ އިން އިތުރަށް ޓެސްޓް ހެދުމަށް އެންގި ކަމަށާއި އެ ހެދި ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާ ކަމަށް ސަމީލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ޕޮޒިޓިވްވި ތިން މީހުން އަލުން ކަރަންޓީން ކޮށްފައިވާ ކަމަށެވެ.