ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދަން އޮތް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ޕީޖީ އޮފީހުގެ އިދާރީ މުވައްޒަފަކު މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން، ކެންސަލް ކޮށްފިއެވެ.
މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން އަދީބުގެ މައްޗަށް ދެން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.
މި ދައުވާތައް ކުރިމިނަލް ކޯޓުގައި އެކު އެކީގައި ކުރިޔަށް ގެންދިއުމަށް ތާވަލް ކޮށްފައި އޮތީ 1:00 އަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ ޕީޖީ އޮފީސް ޑިސްއިންފެކްޓް ކުރަމުންދާތީ އެ ޝަރީއަތްތައް ކެންސަލްކޮށްފައިވާ ކަމަށެވެ.
ކުރިމިނަލް ކޯޓުން ބުނީ، އެ މައްސަލަޔަކީ، ގިނަ އަދަދެއްގެ ލިޔުންތައް ހުށަހަޅާފައިވާ މައްސަލަޔަކަށް ވާތީ ޕީޖީގެ ވަކީލުންގެ ޓީމު އޮފީހަށް ހާޒިރުވެގެން މެނުވީ، މައްސަލައިގެ އަޑުއެހުން ކުރިޔަށް ގެންދިއުމަށް ދަތިކަމަށް އެ އޮފީހުން ބުނެފައިވާ ކަމަށެވެ. އަދި މިއަދު 3:00 އަށް ޝަރިއަތް ރީޝެޑިއުލްކޮށް ދިނުމަށް ޕީޖީ އޮފީހުން އެދިފައިވީ ނަމަވެސް އެ ގަޑިޔަށް ޖަލުގެ ވީޑިއޯ ކޮންފަރެންސް ހަމަޖެހިފައި ނުވާތީ ޝަރީއަތް ކެންސަލް ކުރީ ކަމަށްވެސް ބުންޏެވެ.
އިތުރު ތަފްސީލް ދެއްވަމުން، ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިސަރު އަހުމަދު ޝަފީއު "ވަން އޮންލައިން" އަށް ވިދާޅުވީ، އެތަނުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން 12:00 އިން ފެށިގެންޕީޖީ އޮފީސް ޓިސް އިންފެކްޓްކުރަން ފަށާފައިވާ ކަމަށެވެ.
ޝަފީއު ވިދާޅުވީ ޕީޖީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވިކަން އެނގިފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި މިކަމާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އޮފީސްތެރެ ޑިސްއިންފެކްޓުކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ޕީޖީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ދެޓީމަކަށް ބަހާލައިގެން އޮފީހަށް ނިކުންނަން ފެށީ މި ހަފްތާގައި ކަމަށް ޝަފީއު ވިދާޅުވިއެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ދެން އޮފީހަށް ނިކުންނާނީ މި ހަފްތާގައި ގޭގައި ތިބެގެން މަސައްކަތް ކުރި މުވައްޒަފުން ކަމަށްވެސް ޝަފީއު ވިދާޅުވިއެވެ.
އެ އޮފީހުގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވި ކަމުގައި ވީނަމަވެސް މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަން ޝަފީއު ފާހަގަ ކުރެއްވިއެވެ. އަދި މިއަދުވެސް މުވައްޒަފުން މަސައްކަތް ކުރަނީ ގެއިން ކަމަށް ޝަފީއު ފާހަގަަ ކުރެއްވިއެވެ. ޝަފީއު ވިދާޅުވީ މިފަދަ ކަމެއް ކުރިމަތިވެދާނެ ކަމަށް އެ އޮފީހުން ތިބީ ތައްޔާރު ވެގެން ކަމަށެވެ. އަދި ޕީޖީ އޮފީހުގެ މަސައްކަތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެކަން ޝަފީއު ފާހަގަ ކުރެއްވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު