ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒާ އިސްމާއީލާ ހަވާލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިއަދުން ފެށިގެން އިކޮނޮމިކް މިިނިސްޓަރު ފައްޔާޒާ ހަވާލުކުރައްވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް ހަމަޖެއްސެވީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ ވަހީދު މިއަދު މަގާމުން ވަކިކުރައްވަން އެމަނިކުފާނު ނިންމެވުމުންނެވެ. އެއީ އެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވުމުން އަމިއްލަފުޅަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުންނެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އަލީ ވަހީދު މިނިސްޓަރުގެ މަގާމުން ވަކިކުރަން ރައީސް ނިންމެވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފެންމަތިވުމުންނެވެ. އެގޮތުން އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ އިއްޔެގެ ވަގުތެއްގައި ރައީސް ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކުރައްވައި ހިއްސާ ކުރައްވައިފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ، ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު ވަކިކުރި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފަ އެވެ.

އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ. ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރަޔަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފަ އެވެ.