ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައި އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް މިރޭ ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ފުލުހުން ނުދެއެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް ރައީސް ވަނީ އަންގަވައިފައެވެ. "ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލައެކެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސްއަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާދިނުމަށް އަލީ ވަހީދަށް ރައީސް އަންގަވާފައިވާ ކަމަށެވެ.
އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިހުލާސްތެރިކަމާއެކު ރައްޔިތުންނާއި ގައުމަށްޓަކައި ބުރަ ހިދުމަތެއް އަދާކޮށްދެވުނީތީ ފަހުރުވެރިވާ ކަމަށާއި ތެދު ހާމަވާނެ ވަގުތު އަންނާނެ ކަމަށެވެ.
އަލީ ވަހީދަކީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. އަލީ ވަހީދަށް އެމަގާމު ލިބިވަޑައިގެންނެވީ ސަރުކާރު ހިންގާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ޖޭޕީގެ ރައީސަކީ އަލީ ވަހީދެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު