ގައުމަށް ކޮށްދެވުނު ހިދުމަތާ މެދު ފަހުރުވެރިވާ ކަމަށާއި ތެދު ހާމަވާނެ ވަގުތު އަންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މަގާމުން އިސްތިއުފާދެއްވުމަށް އަލީ ވަހީދަށް ރައީސް ވަނީ އަންގަވައިފައެވެ. "ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އަލީ ވަހީދާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކީ ޖިންސީ ގޯނާގެ މައްސަލައެކެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިހުލާސްތެރިކަމާއެކު ރައްޔިތުންނާއި ގައުމަށްޓަކައި ބުރަ ހިދުމަތެއް އަދާކޮށްދެވުނީތީ ފަހުރުވެރިވާ ކަމަށާއި ތެދު ހާމަވާނެ ވަގުތު އަންނާނެ ކަމަށެވެ.

މާތްﷲ އަށް ހަމްދުކުރަން. އިހުލާސްތެރިކަމާއެކު ރައްޔިތުންނާއި ގައުމަށްޓަކައި ބުރަ ހިދުމަތެއް އަދާކޮށްދެވުނީތީ ފަހުރުވެރިވޭ. ތެދު ހާމަވާން ވަގުތު ނަގާނެ. މާތްﷲ އިރާދަކުރެއްވިއްޔާ ތެދު ހާމަވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސްއަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އެކަމާ ގުޅިގެން މިނިސްޓަރުކަމުން އިސްތިއުފާދިނުމަށް އަލީ ވަހީދަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

އަލީ ވަހީދަކީ މި ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. އަލީ ވަހީދަށް އެމަގާމު ލިބިވަޑައިގެންނެވީ ސަރުކާރު ހިންގާ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. ޖޭޕީގެ ރައީސަކީ އަލީ ވަހީދެވެ.