ކ. ދިއްްފުށީގައި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމުގެ ތިމާގެ މީހަކު، އެމީހާގެ އަންހެނުންގެ ކޮއްކޮއަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް އެ މެންބަރު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިގެން ބަހުސް ކުރަމުން އަންނަ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަަވަމުން މެންބަރު ނަސީމު ވިދާޅުވީ، މިއަދު އަނެއްކާވެސް ދިއްފުށީގައި މިކަހަލަ (ޖިންސީ ގޯނާގެ) ކަމެއް ހިނގައިފި ކަމަށެވެ. އެމީހާ ގުޅުން ހިންގި ކަމުގެ ވާހަކަ އެކުއްޖާ ކިޔައިދޭ އޯޑިއޯތައް ލިބިފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
"މިއަދު އަނެއްކާވެސް ދިއްފުށީގައި މިކަހަލަ ކަމެއް ހިނގައިފި، ހަމަ ދިއްފުށި މީހެއް، އަޅުގަނޑުގެ ތިމާގެވެސް މީހެއް، އެކަމަކު އަކުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުގެ ތިމާގެވިޔަސް ގޯހެއް ވާނީ ގޯހަކަށް، އޭނާގެ އަންހެނުންގެ ކޮއްކޮޔާ އޭނާ ގުޅުމެއް ހިންގި ކަމަށް އޯޑިއޯތަކާ އެއްޗެހިވެސް އަޅުގަނޑަށް ލިބިފަ އެބަހުރި، އެކުއްޖާ ސީދާ ކިޔައި ދެނިކޮށް، ކުޑަ ކުއްޖާ،" މެންބަރު ނަސީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގޯސް ހެދީ ތިމާގެ މީހެއްކަމުން އެވާހަކަ ނުދައްކައި ހުންނަވަން ބޭނުން ނޫން ކަމަށާއި، އެ ވާހަކަ ދައްކައި، ދެވެން އޮތް ތަނަކަށްގޮސް އެކަމަށް ފިޔަވަޅު އަޅަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ކަންކަން ރަނގަޅު ކުރުމަށް ހުވައެއް ކޮށްގެން ހުރި މީހެއްގެ ހައިސިއްޔަތުން އެފަދަ ކަންކަން ސިއްރު ކުރަން ޖެހޭ ކަމަށް ޒަމީރު ގަބޫލު ނުކުރާ ކަމަށާއި، ތިމާގެ ވިޔަސް އެއްބަނޑު އެއްބަފާ ވިޔަސް އެވާހަކަތައް ދައްކަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ކުރިޔަސް ގޯހެއް ވާނީ ގޯހަކަށް، އަޅުގަނޑު ތިމާގެ މީހަކު ކުރިޔަސް ގޯހެއް ވާނީ ގޯހަކަށް. އަޅުގަނޑު އެވާހަކަ ދައްކާނަން އެއްވެސް ބޭފުޅަކު ހީނުކުރައްވާތި އަޅުގަނޑުގެ ތިމާގެ މީހެއް ވީމަ ނުވަތަ އަޅުގަނަޑުގެ އެއްބަނޑު މީހެއް ވީމަ، އަޅުގަނޑުގެ ގާތް އަހެއްވީމަ، ނުވަތަ ހުދު އަޅުގަނޑު ވީމަ އަޅުގަނޑު އެކަން ކުށްވެރި ނުކޮށް ހުންނާނެއޭ، ކުށެއް ކުރެވިއްޖެއްޔާ އަޅުގަނޑު ވިޔަސް ހަމަ ވާނީ ކުށަކަށް، އެއްވެސް ބޭފުޅަކު ދެކިވަޑައިގެން ނުހުންނަވާތި އަަޅުގަނޑަށް ވާހަކައެއް ދައްކަން ނުކެރިފައި ހުންނާނެ ކަމަށް. އަޅުގަނޑުވެސް ދެރަވޭ ހިތާމަ ވެސް ކުރަން ހިތްވަރުވެސް އެލޭ ގޮތްވޭ އެންމެ ގާތް މީހުންގެ ވާހަކަ މިގޮތަށް ދައްކަން ޖެހޭތީ،" މެންބަރު އިބްރާހިމް ނަސީމު ވިދާޅުވިއެވެ.
މެންބަރުގެ ވާހަކައިގައި އެކުއްޖާގެ އުމުރެއް އަދި އެކަމާބެހޭ އިތުރު ތަފްސީލެއް ވިދާޅެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް