ކުއްލި ޚަބަރު

91 ފޫޓުގެ މަސްދޯންޏެއް ކަނޑުތެރެޔަށް ބިންދައިގެން ހިނގައްޖެ

1

91 ފޫޓުގެ މަސް ދޯންޏެއް ކަނޑުތެރެޔަށް ބިންދައިގެން ހިނގައްޖެ އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ތ. ކިނބިދޫގެ ހަތަރު ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ. މި ދޯނި ބިންދައިގެން ދިޔަ އިރު ދޯނީގައި 13 މީހުން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ ދޯނި ކައިރީގައި ކޯސްޓްގާޑުން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. ބިންދައިގެން ގޮސްފައި ވަނީ "ދިރުން" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި މި ހާދިސާ ހިނގާފައި ވަނީ ކިނބިދޫގެ ހުޅަނގު ދެކުނު ބޭރު ކަނޑު ތެރޭގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އިތުރު މައުލޫމާތު ދެމުން އެމްއެންޑީއެފް އިން ބުނީ ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ދޯނި ކަފު ޖެހުމަށް އުޅަނދެއް ހޯދުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން މިހާރު ކުރަމުން އަންނަ ކަމަށެވެ. މި އީ ވޭމަންޑޫ ދޯންޏެއް ކަމަށާއި ދޯނީގައި ތިބީ 11 ދިވެހީންނާއި ދެ ބިދޭސީން ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ހިއްސާ ކޮށްފައިވާ މި ހާދިސާގެ ފޮޓޯއަށް ބަލާއިރު، މި ދޯނި ބިންދައިގެން ދިޔަ ނަމަވެސް، ދެބުރި މުޅީން ވަކިވެފައެއް ނުވެ އެވެ. އެހެން ނަމަވެސް މަތީން ބިންދައިގެން ގޮސް އެބައި ވަނީ އަޑިޔަށް ގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 7:10 އެހާއިރު ކަމަށެވެ.