ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް) އާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އެ އެސޯސިއޭޝަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ހާޒިރު ކުރަން ނިންމައިފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ބައްސާމް ވިދާޅުވީ މިއަދު 10:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ އަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

އެފްއޭއެމް ހިންގުމުގައި ގޯސްތަކެއް ހަދާފައިވާ ކަމަށް ވިދާޅުވެ އާޒިމް ހުށަހަޅުއްވާފައިވާ މައްސަލާގައި "ވަން" އިން ސުވާލު ކުރުމުން ބައްސާމް ވިދާޅުވީ އެ މައްސަލައަކީ މަޖިލީހަށް ބެލޭނެ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި މަޖިލީހަށް ކޮންމެހެން ހާޒިރުވާން ވެސް އެފްއޭއެމް އަށް ލާޒިމު ނޫން ކަމަށެވެ. ނަމަވެސް މަޖިލީހުން ބޭނުންވާ މައުލޫމާތު ދޭން ތައްޔާރަށް ހުންނެވިކަމަށާއި އެ އެސޯސިއޭޝަން ހިންގުމުގައި ފޮރޮވަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ހިނގާފައި ނުވާނެ ކަމަށެވެ. އެހެންކަމުން މަޖިލީހުން ބޭނުންވާ މައުލޫމާތު ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެހެން ނަމަވެސް ކޮމިޝަނާ އޮފް ސްޕޯޓްސް އިން ބޭނުންވާ ކަން ކަން ސާފު ކޮށްދޭން ޖެހޭނެ ކަން ގަބޫލު ކުރައްވާ ކަމަށް ބައްސާމް ވިދާޅުވި އެވެ. އަދި ކޮމިޝަނާ އޮފް ސްޕޯޓްސް އެދިވަޑައިގެންނެވި މައުލޫމާތު އެކޮމިޝަނުގެ އިތުރުން ޔޫތު މިނިސްޓްރީ އާ ވެސް ހިއްސާ ކޮށްފައިވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

މި މައްސަލާގައި އިއްޔެ މަޖިލީހަށް ހާޒިރު ކުރުމުން ސްޕޯޓްސް ކޮމިޝަނަރާއި ޔޫތު މިނިސްޓަރު ވަނީ އެފްއޭއެމްގެ އިންތިހާބު ބަލައި ނުގަނެފި ނަމަ ރާއްޖެއަށް ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.