ދެކުނު އެމެރިކާގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކޮޕާ އެމެރިކާގެ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ މުބާރާތްވެސް އެމެރިކާގައި ހޯސްޓް ކުރަން ނިންމާފައިވާ ކަމަށް ކޮންމެބޯލްއާއި ކޮންކެކާފްއިން އިއުލާނު ކޮށްފިއެވެ.
ކޮޕާ އެމެރިކާއަކީ ދެކުނު އެމެރިކާއަށް ހާއްސަ މުބާރާތެއް ނަމަވެސް، މި ފަހަކަށް އައިސް އެމުބާރާތުގައި ކެރިބިއަން، މެދުތެރޭ އެމެރިކާގެ އިތުރުން އުތުރު އެމެރިކާގެ ޓީމުތަކުންވެސް ވާދަކުރަމުން ދެއެވެ. އެގޮތުން ކުރިއަށް އޮތް މުބާރާތުގައިވެސް ދެކުނު އެމެރިކާއިން ބޭރުގެ ހަ ގައުމަކުން ކޮޕާ އެމެރިކާގައި ވާދަކުރާނެއެވެ. މުބާރާތް 2028 ވަނަ އަހަރު ޖޫން 9 އަކުން ޖުލައި 9 އަކަށް ކުރިއަށްދާ އިރު، ދެކުނު އެމެރިކާއިން ވާދަކުރާނީ 10 ގައުމަކުންނެވެ.
ދެކުނު އެމެރިކާ ބޭރުން އުތުރު އެމެރިކާއާއި މެދުތެރޭ އެމެރިކާ އަދި ކެރިބިއަންއިން ޓީމުތައް ވާދަކުރާ އިރު، ކޮންކެކާފް ރީޖަންއިން ކޮޕާ އެމެރިކައަށް ކޮލިފައިވާނީ އަންނަ އަހަރު އޮންނަ ގޯލްޑް ކަޕުންނެވެ.
އެންމެފަހުން 2024 ވަނަ އަހަރު ބޭއްވި ކޮޕާ އެމެރިކާވެސް ހޯސްޓް ކުރީ އެމެރިކާގައެވެ. މިއަހަރު ވޯލްޑް ކަޕްވެސް ބޭއްވި އެމެރިކާގައި އެފަހަރު ބޭއްވި މުބާރާތުގެ ތަށި އާޖެންޓީނާއިން ނެގީ ފައިނަލުގައި ކޮލަމްބިއާ ބަލިކޮށްގެންނެވެ.
އެމެރިކާގައި ކޮޕާ އެމެރިކާ ބާއްވަން ނިންމާފައިވާކަން އިއުލާނުކުރަމުން ފެޑަރޭޝަނުން ބުނީ މުބާރާތުގެ މެޗުތައް އޮންނާނެ ދަނޑުތަކާއި ހޯސްޓް ސިޓީތައް ފަހުން އިއުލާނުކުރާނެ ކަމަށެވެ.
އެމެރިކާއިން ކުޅިވަރު އިވެންޓްތައް ހޯސްޓް ކުރުމަށް ކުރަމުންދާ މަސައްކަތް އިތުރު ކޮށްފައިވާ އިރު، 2028 ވަނަ އަހަރު އޮލިމްޕިކްސްވެސް އޮންނާނީ އެގައުމުގައެވެ.
ކޮމެންޓް