ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިހާބު ވުމާއި ގުޅިގެން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން މަރުހަބާ ކިޔައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ ބައްސާމަށް އެޑްރެސް ކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެފްއޭއެމް އަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމް އާއި އޭނާގެ ދެ ނައިބުރައީސުންނާއި މިދިޔަ ދައުރުގައިވެސް އެކްސްކޯގައި ހިމެނި ދެ ވަނަ ދައުރަކަށް އިންތިހާބުވި މެންބަރުންނާއި އަލަށް އިންތިހާބުވި އެކްސްކޯ މެންބަރުންނަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ.
އިންފަންޓިނޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ފުޓްބޯޅައަށް ބައްސާމް ކޮށްދެވި މަސައްކަތާއި ރާއްޖެ އާއި ސަރަހައްދީ ފެންވަރުގައިވެސް ފުޓްބޯޅައިގެ ތަރައްގީއަށް ކުރެއްވި މުހިންމު މަސައްކަތާއި އަދި މި ކުޅިވަރުގެ ވެލިއު ޕްރަމޯޓް ކުރުމަށް ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަންގެ ކުރިޔަށް އޮތް ދައުރުގައި ފުޓްބޯޅަ ތަރައްގީ ކުރުމަށް އޮތް ޗެލެންޖަށް ކާމިޔާބަށް އެދި އިންފަންޓިނޯ ވަނީ އަނެއްކާވެސް ބައްސާމް އާއެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ފީފާއިން އެފްއޭއެމްގެ އިންތިހާބު ބަލައިގެންފައިވާ އިރު އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ހަލަފީ ވެސް ވަނީ މި އިންތިހާބު ބަލައިގަނެ ބައްސާމަށް މަރުހަބާ ވިދާޅުވެފަ އެވެ.
އެފްއޭއެމް ހިންގުމުގައި ގޯސްތަކެއް ހަދާފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެފްއޭއެމްގެ މައްސަލައެއް ބަލަމުން އަންނަ ދުވަސްވަރެއްގައި ބޭއްވި މި އިންތިހާބު، ސްޕޯޓްސް ކޮމިޝަނުން ބަލައިގަތް ކަމެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ސްޕޯޓްސް ކޮމިޝަނަރާއި ޔޫތު މިނިސްޓްރީން މި މައްސަލާގައި މަޖިލީހަށް ހާޒިރު ކުރުމުން ވަނީ އެފްއޭއެމްގެ އިންތިހާބު ބަލައި ނުގަނެފި ނަމަ ރާއްޖެއަށް ސަސްޕެންޝަނަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ބަލަމުން އަންނަ މައްސަލައާ ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު އަހްމަދު ސަލީމާއި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު އިއްޔެ މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކޮށްފައިވާއިރު މިއަދު އެފްއޭއެމްގެ ރައީސް ބައްސާމް އެކޮމިޓީއަށް ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު