ދިހަ އަހަރުގެ އަންހެން ދަރިފުޅު ރޭޕް ކުރި މައްސަލައިގައި ދޮންބައްޕައާއެކު މަންމަގެ އިހުމާލު އޮތްކަމަށް ބުނެ މާފުށީގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

މާފުށީ ކައުންސިލްގެ ނައިބު ރައީސް ނަޝީދާ އާދަމް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖިންސީ އަނިޔާގެ ޝިކާރައަކަށްވި އަންހެން ކުއްޖާ މިއަދު ހަވީރުގެ ވަގުތެއްގައި ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަޝީދާ ވިދާޅުވީ، މާފުށީގައި މިހާރު މުޒާހަރާކުރަމުން ދަނީ އެ އަންހެން ކުއްޖާ ރޭޕްކުރުމުގައި ކުއްޖާގެ މަންމަގެ ބައިވެރިވުން އޮތް ކަމަށް ބުނެ ކަމަށެވެ. އަދި ދޮންބައްޕައާއެކު ކުއްޖާގެ މަންމަވެސް ހައްޔަރުކުރަން ޖެހޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ގޮވަމުންދާ ކަމަށް ނަޝީދާ ވިދާޅުވިއެވެ.

"ބައިވެރިން ބުނަމުން މިދަނީ މަންމަގެ ރުހުމުގައޭ ދޮންްބައްޕަ އެ ކުއްޖާ ރޭޕް ކުރީ. ދޮންބައްޕަ ހައްޔަރުގައި ހުރިއިރު މަންމަ އެހުންނަނީ އަދިވެސް ގޭގައި. ރައްޔިތުން ބޭނުމެއް ނުވޭ އެކަމެއް އެގޮތަށް ވާކަށް،" ނަޝީދާ ވިދާޅުވިއެވެ.

މާފުށީގައި މުޒާހަރާކުރަމުން ދަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން ކުއްޖާގެ މަންމަ ދިރިއުޅެމުން އަންނަ ގެ ކައިރީގައެވެ. އެ ސަރަހައްދުގައި މިހާރު ފުލުހުންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.