ގުޅުން ނެތް ކޮވިޑް ކޭސްތައް ގިނަވާތީ ސަމާލުވާންޖެހޭ ކަމަށާއި އެކަމަކު ފިޔަވަޅުތައް ހަރުކަށިކުރަން ޖެހޭ ވަރަށް ގިނައެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، މި ފަހަކަށް އައިސް އިތުރު ކޭސްއަކާ ގުޅުން ނެތް ކޮވިޑް ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
އެގޮތުން ކޮންމެ ދުވަހެއްގައި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 30 އިންސައްތައާއި 40 އިންސައްތައަކީ އެއްވެސް ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތަކެއް ކަމަށާއި، ނަމަވެސް ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ ވަރަށް ކްލަސްޓާތަކަށް ނިސްބަތްވާ ނުވާ މީހުން ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރު ނުވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
"ނޮން ލިިންކް ކޭސްތައް އިތުރުވާތީ ސަމާލުވާން ޖެހޭ. ނަމަވެސް އަދަދުތަކަށް ބަލާއިރު ފިޔަވަޅުތައް ހަރުކަށި ކުރަން ޖެހޭ ވަރަށް ކޭސްތައް އިތުރެއް ނުވޭ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ، ނޮން ލިންކް ކޭސްތަކަކީ ފިޔަވަޅުތައް ހަރުކަށި ކުރުމުގައި ޓްރިގާ ޕޮއިންޓެއްގެ ގޮތުގައި ބަލާ ކަމެއް ކަމަށާއި ނަމަވެސް ފިޔަވަޅުތަށް ހަރުކަށި ކުރުމުގައި ޖުމްލަ ބަލި ޖެހޭ މީހުންގެ އަދަދަށްވެސް ބަލާނެ ކަމަށެވެ.
ލުއިތައް ދިން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.