ރާއްޖޭގެ ބޯޑަރު މިމަހު ހުޅުވާލާއިރު، 30 ރިސޯޓެއް ހުޅުވަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައިވަނީ މިމަހު 15 ގައެވެ. އެދުވަހު 30 ރިސޯޓެއް ހުޅުވަން ވަނީ ނިންމައިފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިހާރުވެސް އަށް ރިސޯޓެއް ހުޅުވައި ހިދުމަތްދެމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ފޯސީޒަންގެ ގިރާވަރާއި ވޯވަށާއި ސޮނެވާފުއްޓާއި ލިލީ ބީޗް ރިސޯޓާއި ލަކްސް ރިސޯޓާއި ވެލަވަރު ރިސޯޓާއި ވެލާ އަދި ހެލެނގެލި ރިސޯޓް ހިމެނެއެވެ.

މިމަހު ފަހުކޮޅު އިތުރު ތިން ރިސޯޓެއް ހުޅުވަން ވަނީ ނިންމައިފައެވެ. ގިނަ ރިސޯޓްތައް ހުޅުވަން ނިންމާފައިވަނީ އަންނަ މަހާއި ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުއެވެ. އެގޮތުން އޮގަސްޓް މަހު 25 ރިސޯޓެއް ހުޅުވަން ނިންމާފައިވާ އިރު، ސެޕްޓެމްބަރު މަހު 28 ރިސޯޓެއް އަދި އޮކްޓޯބަރު މަހު 47 ރިސޯޓެއް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ނޮވެމްބަރު މަހު ދެ ރިސޯޓެއް، ޑިސެމްބަރު މަހު އެއް ރިސޯޓް އަދި އަންނަ އަހަރު ޖެނުއަރީގައި އެއް ރިސޯޓް ހުޅުވާނެ ކަމަށެވެ. އަދި މިހާތަނަށް ހުޅުވާނެ ވަކި ތާރީހެއް ނިންމާފައިނުވާ 10 ރިސޯޓެއް ހިމެނެއެވެ.

މިމަހު 15 ގައި ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވައި ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން މިހާރުވެސް ޖާގަ ނަގާފައިވާ ކަމަށެވެ.