ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ހިއުމަން ޓްރެފިކިންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ބޮޑުފިނޮޅުގައި ހިނގި ހާދިސާގައި އެރަށުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ރުޅިވެރިކަން ބޮޑުވެ އިހުތިޖާޖު ކުރީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައިވާތީއެވެ. އެ އިހްތިޖާޖުގައި ރަށުގެ އެކި ތަންތަނަށާއި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ދިންއިރު ރަށުގައި މަސައްކަތްކުރާ 13 ދިވެއްސަކު ވެސް ރަހީނުކުރިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކާ އެކުންފުނިން ހަވާލު ވެ، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތުކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލު ވެ، އެކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރު ކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭން ޖެހޭ މުސާރަ އާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާކަން ވެސް އެ ކުންފުނީގެ މައްޗަށް ތުހުމަތު ކުރެއެވެ.

ފުލުހުން ބުނީ، މަސައްކަތްތެރީންގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑު އުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާ ކަމުގެ ތުހުމަތު ވެސް ރިޒް ކުންފުންޏަށް ކުރާ ކަމަށެވެ.

ރިޒް ކުންފުނީގެ މައްޗަށް ތުހުމަތު ކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މުސާރަ ނުލިބޭ ބިދޭސީ މަސައްކަތްތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޕަބްލިކް އިންޓްރެސްޓް ލޯސެންޓަރު (ޕީއައިއެލްސީ) އިން އަންނަނީ އެހީތެރިވަމުންނެވެ.