ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރެއްގެ މައްސަލަ ބަލަން ފެށުމުން، އެ ފަނޑިޔާރު މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ޖޭއެސްސީން އެ މައްސަލަ ކުރިޔަށް ގެންދިއުމަށާއި، ޖޭއެސްސީން އެ މައްސަލަ ބަލައި ނިމޭއިރު، އެ ފަނޑިޔާރަކީ ނަޒާހަތްތެރި ނޫން ފަނޑިޔާރެއްކަން ސާބިތު ވެއްޖެ ނަމަ، ފަނޑިޔާރުންނަށް ދޭ އިނާޔަތް ވެސް ނުލިބޭ ގޮތަށް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އިސާ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ހުށަހެޅުން ހުށަހެޅުއްވީ، ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބުގެ މައްސަލައެއް ޖޭއެސްސީން ބަލައި، އޭނާ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވުމުން ހަސަން ނަޖީބު އިސްތިއުފާ ދެއްވުމުންވެސް އެ މައްސަލަ މަޖިލީހަށް އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދާ ބަހުސަގައެވެ.
އެބަހުސްގައި ވާހަކަދެއްކެވި މެންބަރުން ވިދާޅުވީމ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާއާދޭތެރޭ ޖިނާއީ ތުހުމަތުތަކެއް ކުރެވޭނަމަ އެކަން ބަލައި ދައުވާ އުފުލަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި ވާހަކަ ދައްކަވަމުން ޖޭއެސްސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވީ، ޖޭއެސްސީން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެ ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފިނަމަ އެ މައްސަލައެއް ކޮމިޝަނުން ބަލައިގެން ނުވާނެ ކަމަށް ފަނޑިޔާއުންގެ ގާނޫނުގައި ބުނާ ކަމަށެވެ.
ނަމަވެސް އެ ފަޑިޔާރަކު އިސްތިއުފާ ދިނުމަކުން އޭނާ އުފުލަންޖެހޭ ޖިނާއީ އަދި މަދަނީ އިލްތިޒާމެއް އޭނާގެ ގިބައިން ބައީއަވެގެން ނުދާނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އޭނާ މަދަނީގޮތުން ކޮށްފައިވާ ކުށަކުން މީހަކަށް ބަދަލެއް ދޭން ޖެހިއްޖެ ނަމަ އެ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ ކަމަށާއި، ޖިނާއީ ޒިންމާއެއް އޮތްނަމަ އެކަންވެސް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ހިސާން ވިދާޅުވިއެވެ.
ޖޭއެސްސީން ފޮނުވާފައިވާ މި ރިޕޯޓަށް ބަހުކޮށް ނިމުމުން މަޖިލިސް ރައީސް ވަނީ އެ ރިޕޯޓް ޖުޑިޝަރީ ކޮމިޓީއަށް ފޮނުުވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް